ENGLISH
19 ޖޫން 2026
ވަންދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވަނީ
19 ޖޫން 2026
|
ވަންދުގައި އަލަށް ބިނާކުރާ މިސްކިތް-- ފޮޓޯ:އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ތ.ވަންދޫގައި ސަރުކާތުން އަލަށް އިމާރާތް ކުރަމުންއަންނަ މިސްކިތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވަންދޫ މިސްކިތް ބިނާކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްގޮސް، މިހާރު އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ވަންދުގައި އަލަށް ބިނާކުރާ މިސްކިތް-- ފޮޓޯ:އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލުމަށްޓަކައި، އެ ވުޒާރާގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސެކްޝަނުން ވަންދޫއަށް ޒިޔާރަތްކޮށްފައިވެއެވެ.
މި މިސްކިތަކީ 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމުން ރަށުގެ ރައްޔިތުންނަށް ދަތިކަމެއް ނެތި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ، ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމު ތަކާއެކުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިސްކިތްތައް ބެލެހެއްޓުމާއި މާރަމާތު ކުރުމާއި މިސްކިތްތައް ބިނާކުރުމަށް ވަރަށް ޚާއްސަ ސަމާލު ކަމެއް ދެއްވަމުން ގެންދަވައެވެ. ޚާއްސަކޮށް ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ މިސްކިތްތައް ބިނާކުރުމުގެ ބޮޑު މަޝްރޫޢުއެއް އަންނަނީ ހިންގަމުންނެވެ.