ENGLISH
30 އޮކްޓޯބަރު 2025
ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނަށް 50 ރަށަކުން ހިޔާލު ހޯދައިފި
30 ސެޕްޓެމްބަރު 2025
|
ކުރިމަގު ސައްލާ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ވިލުންތެރި ރާއްޖެ ޓީމް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކުގެ ދަށުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނަށް 50 ރަށަކުން ހިޔާލު ހޯދައިފިއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެށި މި މަސައްކަތް މިހާތަނަށް 9 އަތޮޅެއްގެ 50 ރަށެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި ފެށޭ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގަައި އެ ޕްލޭނަށް ހިޔާލު ހޯދުމުގެ ސެޝަންތަައް ކުރިއަށްގެންގޮސް ނިންމައިލުމެވެ.
ވިލުންތެރި ރާއްޖެ ޓީމުން މައުލޫމާތު ދިން ގޮތުގައި، ނުވަ އަތޮޅެއްގައި ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ބާއްވާފައިވާއިރު، ފަސް އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަައި އެ ސެޝަންތައް ބާއްވައި ނިމިފައިވެއެވެ. އެގޮތުން އައްޑޫ ސިޓީގެ ހަ ރަށާއި، ފުވައްމުލައް ސިޓީއާއި، ހއ.އަތޮޅުގެ 15 ރަށާއި، ވ.އަތޮޅުގެ ފަސް ރަށާއި އދ.އަތޮޅުގެ ހަތް ރަށުގައި މި ސެޝަން ބާއްވާފައިވެއެވެ.
މިހާރު "ކުރިމަގު ސައްލާ"ގެ ނަމުގައި ބާއްވަމުންދާ ހިޔާލު ހޯދުމުގެ ސެޝަންތައް ކުރިއަށްދަނީ ގދ.އަތޮޅާއި، މ.އަތޮޅާއި، ލ.އަތޮޅާއި، ޅ.އަތޮޅުގައެވެ.
މި ބައްދަލުވުންތައް ކުރިއަށްގެންދަނީ ރަށު ކައުންސިލުތަކާއި، ރަށްރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރަށް ވަކިވަކި ފަރުދުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
މި ބައްދަލުވުންތަކުން އެއްކުރެވޭ ހިޔާލުތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި މާހިރުންގެ އެހީތެރިކަމާއެކު އެކުލަވައިލާ 20 އަހަަރުގެ ތަރައްގީގެ ޕްލޭނުގެ މައިގަނޑު ބޭނުމަކީ، 20 އަހަރު ފަހުން ރާއްޖެ ތަރައްގީވެފައި އޮންނާނެ ގޮތުގެ މައިގަނޑު ތަސައްވުރު އެކުލަވައިލުމެވެ.
އެއާއެކު ތަރައްގީގެ މައިގަނޑު އަމާޒުތައް ކަނޑައަޅައި، އެއް މިސްރާބަކަށް ސަރުކާރުތަކުގެ މަސައްކަތްތައް ބައްޓަންކޮށް، ރާއްޖޭގެ އާބާދީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުރިއަށް އޮތް ތަނުގައި އަންނާނެ ބަދަލުތަކާއި، ތިމާވެއްޓާއި އުމްރާނީ ތަަރައްގީއަށް ރިއާޔަތްކުރެވިގެން އެކުލަވައިލެވޭ ވަށާޖެހޭ ތަރައްގީގެ ޕްލޭނެއްގެ ތެރެއިން މަސައްކަަތްތައް ކުރެވޭނެ އިންތިޒާަމު ހަމަޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވަނީ 20 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމާއެކު، އެ ޕްލޭނަށް ގާނޫނީ ހިމާޔަތްވެސް ދިނުމަށެވެ. ބޭނުމަކީ ސަރުކާރުތަކުން ތަރައްގީގެ މައިގަނޑު އަމާޒުތަކާއި ލަނޑުދަނޑިތަކަށް ބަދަލުނުގެނެވޭ ގޮތަށް ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކުގެ ތެރެއިން ރާއްޖޭގެ ކުރިއެރުން ކަށަވަރުކުރުމެވެ.