ENGLISH
30 އޮކްޓޯބަރު 2025
ކުޅިވަރާ ބެހޭ ވުޒާރާގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުން: ރާފިއު
30 ސެޕްޓެމްބަރު 2025
|
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރާ ބެހޭ ވުޒާރާގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ތަންފީޒުކުރަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާފިއު ވިދާޅުވި ގޮތުުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ހަރަދުތައް ކުޑަކުރުމަށް ރަނގަޅު ސިޔާސަތުތަކެއް އެކުލަވައިލައި، ވުޒާރާގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނެވި ވުޒާރާގެ ހިންގުން ހަރުދަނާކުރުމަށް މުހިއްމު މަސައްކަަތްތަކެއްވަނީ ކުރެވިފައެވެ.
އެގޮތުން ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި އެންމެ މުހިއްމު މަސައްކަތްޕުޅަކީ މުޅި ވުޒާރާގެ އޮޑިޓެއް ތައްޔާރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ އޮޑިޓުން ވުޒާރާގެ ހިންގުމުުގައި ހުރި މައްސަލަތައް ފާހަގަކުރެވި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރެވިފައިވެއެވެ.
އެގޮތުން ވުޒާރާއިން އެންމެ ބޮޑު ހަރަދެއްކުރާ އެއްކަމަކީ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރު ފެސިލިޓީތަކުގެ މަރާމާތަށް ކުރަންޖެހޭ ހަރަދުކަން ފާހަގަކުރައްވަމުން ރާފިއު ވިދާޅުވީ އެކަމަށް ކުރާ ހޭދަ ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
"ސްޕޯޓްސް މިނިސްޓްރީއަކީ ވަރަށް ބައިވަރު ފެސިލިޓީސް ހުރި މިނިސްޓްރީއެއް. މަރާމާތަށް މާ ބޮޑު ބަޖެޓެއް ނޯވޭ. ދެން އަޅުގަނޑުމެން ބެލީ ކިހިނެއްތޯ ޚަދަރުތައް ކުޑަކުރެވޭނީ. ގިނަ ފަހަަރު ބިޑިން ޕްރޮސެސްގައި ހުންނަ ކޮލިޓީގެ ޚިދުމަތެއް ނޫން، ނުވަތަ ފެސިލިޓީއަށް ގެންނަ ސާމާނެއް ނޫން ގެނެވެނީ. ގިނަ ދުވަހު ބޭނުންކުރެވޭ ގޮތަށްތޯ ހުރީ ތައްޔާރުކުރެވިފައި. އެކަން ބެލޭނެ ނިޒާމެއް ނެތް. މިސާލަކަށް މޫދުގެ ލޮނުގެ އަސަރުކުރާ ހިސާބެއްގައި ހުރި ފެސިލިޓީއެއްވިއްޔާ، އެކަމަށް ހާއްސަ ކުލައެއް ލާފައި، ނުވަތަ ކޯޓިންއެއް ލާފައި ހުރި ފެސިލިޓީއެއްތޯ ބަލަން އެބަޖެހޭ." ރާފިއު ވިދާޅުވިއެވެ.
އަދި އެއްބަސްވުންތަަކުގައި ހުރި ގޮތަށްވުރެ ފަރުވާކުޑަކޮށް ބައެއް ކުޅިވަރު ފެސިލިޓީތަކުގެ މަސައްކަތް ކުރެވިފައި ހުރިކަން ފާހަގަކުރެއްވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ދެ އެމްއެމްގެ ހޮޅި ބޭނުންކުރަންޖެހޭ ތަނުގައި 1.5 ހޮޅި ބޭނުންކުރުމުގެ ސަބަބން ދޮޅު އަހަރު ތެރޭ ފެންސްތަކުގައި ދަނބަރު ޖަހައި ހަލާކުވުމުން މަރާމާތުކުރުމުގެ ބަދަލުގައި އަލުން ފެންސް ހަދަންޖެހޭ ކަމެވެ.
އެކަންކަމުގެ އަލީގައި މަރާމާތުކުރުމަށް ހިނގާ ހަރަދު ބޮޑުވާ ސަބަބުތައް ދެނެގަނެ އެ ސަބަބުތައް ނައްތައިލައި، އެ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީން މެދުނުކެނޑި މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.