ENGLISH

19 ޖޫން 2026

Advertisement

ދުނިޔޭގެ ކަނޑުތަކުން މަދުން ނޫނީ ނުފެންނަ ހުދު މިޔަރެއް ފެނިއްޖެ

19 ޖޫން 2026

|

އާމިނަތު ނުޒްލާ

ރެމާސްގެ ކެމެރާއިން ނަގާފައިވާ ހުދު މިޔަރު-- ފޮޓޯ: ރެމާސް

ދުނިޔޭގެ ކަނޑުތަކުން މަދުން ނޫނީ ނުފެންނަ، ހުދު ބޮޑު މިޔަރެއްގެ މަންޒަރުތައް " ގޯސްޓް ޑައިވަރުން" ނަގައިފިއެވެ.

ކަނޑުގެ އަޑީގެ 132 ފޫޓަށްވުރެ ފުން ސަރަހައްދެއްގައި އޮތް ބޯޓެއްގެ ބައިތަކުގައި، އޮޅިފައިވާ ދާގަނޑުތައް ނެގުމަށް މަސައްކަތް ކުރަމުންދިޔަ ފީނުންތެރިންނަށް، ބިރުވެރި ތަޖުރިބާއަކާ ކުރިމަތިލާން ޖެހުނެވެ.

ސިސިލީގެ ސާފު ގޮނޑުދޮށްތަކާއި ޓިއުނީޝިއާގެ އައްސޭރިފަށާ ދެމެދުގެ ސަރަހައްދެއްގައި، ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޑާކް ރެމާސްއަށް ކުއްލިއަކަށް ފެނުނީ އޭނާގެ ކުރިމަތީގައި އޮތް ހުދު ބޮޑު މިޔަރެކެވެ.

"ގޯސްޓް ޑައިވިންގ ފައުންޑޭޝަން" ގެ މެންބަރެއްގެ ގޮތުން ރެމާސް ކުރާ މަސައްކަތަކީ، ކަނޑަށް ދޫކޮށްލާފައިވާ ނުވަތަ އޮޅިފައިވާ ދާގަނޑުތަކާއި ކުނިބުނި ނަގައި، ކަނޑުގެ ދިރުންތަކަށް އޮތް ނުރައްކާ ކުޑަކުރުމެވެ. ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ރެމާސް ބުނި ގޮތުގައި، ކޮންމެ އަހަރަކުވެސް މަސްވެރިކަމަށް ބޭނުންކުރާ އާލާތްތަކުގެ ތިން އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މިންވަރެއް ކަނޑަށް ގެއްލިފައިހުރެއެވެ.

ރެމާސްއާއި އޭނާގެ ބައިވެރިޔާއަށް މި އާދަޔާޚިލާފު މަންޒަރު ފެނިފައިވަނީ، ކަނޑުގެ ފުން ސަރަޙައްދަކަށް ފީނަމުން ދަނިކޮށެވެ. ރެމާސް ބުނި ގޮތުގައި، އޭނާ ބިރު ނުގަންނަ ކަމަށް ބުނެފިނަމަ އެވާނީ ދޮގަކަށެވެ. އިންސާނުންނަކީ މިޒާތުގެ މިޔަރުގެ ކެއުމުގައި ހިމަނާ ބައެއް ނޫންކަން ސިކުނޑިން ގަބޫލުކުރި ނަމަވެސް، އެކަން އެ މިޔަރަށްވެސް އެނގޭނެ ނަމައޭ ހިތަށް އެރިކަމަށެވެ.

އަދި އެއްވެސް ހެއްކެއް ނެތި މިފަދަ މިޔަރެއް ފެނުނު ވާހަކަ ބުނުމުން އެކަކުވެސް ގަބޫލު ނުކުރާނެތީ، ކެމެރާ އިން އެމަންޒަރު ނެގުމަށް މަސައްކަތްކުރިއެވެ. ނަސީބަކުން، ފީނުމުގެ އެންމެ ފަހު ވަގުތު ބޭނުންކުރަން ގެންދިޔަ ކެމެރާ އެވަގުތު މަސައްކަތް ކުރަމުން ދިޔަކަމަށް ރެމާސް ބުންޏެވެ.

ރެމާސް ބުނި ގޮތުގައި، މެޑިޓަރޭނިއަން ކަނޑުން މިފަދަ މިޔަރެއްގެ ވީޑިއޯއެއް މީގެ ކުރިން އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ. އަދި މީގެ 40 އަހަރު ކުރިން ނޫނީ މި ސަރަހައްދުން މިފަދަ މިޔަރެއް ފެނިފައިވާކަމުގެ ރެކޯޑެއް ވެސް ނެތެވެ.

މިފަދަ ބޮޑެތި މިޔަރުތަކަކީ ހަ މީޓަރަށްވުރެ ދިގު، އަދި ދެ ޓަނަށްވުރެ ބަރު، ބިރުވެރި ސިފައެއް ލިބިފައިވާ އެއްޗެކެވެ. މިޔަރުގެ ފަރާތުން އިންސާނުންނަށް އޮތް ނުރައްކަލަށްވުރެ، އިންސާނުންގެ ފަރާތުން މިފަދަ މަސްމަހާއްސައަށް އޮތް ނުރައްކާ މާ ބޮޑެވެ. ގިނަ ފަހަރަށް މި މިޔަރުތައް މަރުވަނީ  މަސްދާގަނޑުތަކުގައި ބެދިގެންނެވެ.

އައި.ޔޫ.ސީ.އެން އިން ބުނި ގޮތުގައި، ހުދު ބޮޑު މިޔަރަކީ ނެތިދިއުމުގެ ބިރު އޮތް އެއްޗެކެވެ. އަދި މެޑިޓަރޭނިއަން ސަރަހައްދުގައި މި ބާވަތުގެ މިޔަރު ވަނީ އިންތިހާއަށް މަދުވެ، ނެތިދިއުމުގެ ނުރައްކާ ބޮޑުވެފައެވެ.

އިނގިރޭސިވިލާތުގެ "ޝާކް ޓްރަސްޓް" އިން ބުނި ގޮތުގައި، މި ސަރަހައްދުގެ މިޔަރާއި މަޑީގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ކަނޑުގެ އަޑީގައި ހުންނަ ބޯޓު ފަހަރުގެ ބައިތަކަކީ ގިނަ ދިރުންތަކަކަށް ހިޔާވަހިކަންދޭ ތަންތަނަށް ވީނަމަވެސް، ދާގަނޑުތަކުގެ ސަބަބުން އެތަންތަން ވަނީ ދިރުންތައް މަރުވާ މަޅިތަކަކަށް ބަދަލުވެފައެވެ.

ރެމާސް ބުނި ގޮތުގައި، އެތައް އަހަރެއް ވަންދެން ފީނައި، ދާގަނޑުތައް ނެގުމުގެ މަސައްކަތް ކުރި ނަމަވެސް، މިފަދަ ވަގުތަކަށް އެއްވެސް މީހަކަށް ތައްޔާރަށް ނުހުރެވޭނެއެވެ. ނަމަވެސް، އެ މިޔަރު ފެނުމުން، އެމީހުން ކުރަމުންދާ މަސައްކަތުގެ މުހިންމުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވި، އިތުރު ހިތްވަރަކާއެކު ދާގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ރެމާސް ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު