ENGLISH
30 އޮކްޓޯބަރު 2025
ރާއްޖެއަށް އެމެރިކާއިން ކަަނޑުގެ ސަލާމަތީ ކަންކަމުގައި ބޭނުންކުރާަ އާލަތްތަކެއް ހަދިޔާކޮށްފި
30 ސެޕްޓެމްބަރު 2025
|
އެމެރިކާއިން ހަދިޔާކުރި އާލާތްތައް ދިވެހި ސިފައިންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބޭނުންކުރާ ހާއްސަ އާލަތްތަކެއް އެމެރިކާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިކަމާ ގުޅިގެން އެމެރިކާ އެމްބަސީގެ އެކްސް އެކައުންޓުގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހި ގައުމީ ދިފާއީ ބާރަށް ބޭނުންވާ މުހިއްމު އާލާތްތަކެއް އެމެރިކާއިން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އެތަކެތި ހަދިޔާކުރުމުގެ ސަބަބުން އެމެރިކާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުން ބަދަހިވާނެ ކަމަށެވެ.
އެމެރިކާއިން ހަދިޔާކުރި އާލާތްތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްއާއި ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިން އާލާތްތަކާއި ޕާސަނަލް ގިޔަރުގެ އިތުރަށް އޮަޕަރޭޝަންތަކުގައި ބޭނުންކުރާ މުހިއްމު އާލާތްތަކެވެ.
މިތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫޔޯ ޔޮންެއެވެ. އަދި ގައުމީ ދިފާއީ ބާރުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ، ޗީފް އޮފް ޑިފެންސް ފޯ މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެމެރިކާއިން ހަދިޔާކުރި އާލާތްތަކާއެކު ސިފައިންގެ ހާއްސަ އޮޕަރޭޝަންތައް ހިންގުމާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓމުގެ ގާބިލުކަން އިތުރުވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
އެމެރިކާއިން އަންނަނީ ފަންނީ ގޮތުންނާއި ތަކެތީގެ ގޮތުން ގައުމީ ދިފާއީ ބާރަށް އެހީވަމުންނެވެ. ފަންނީ ގޮތުން ސިފައިން ތަމްރީނުކުރުމުގައި އެމެރިކާގެ އެހީތެރިކަން އަބަދުވެސް ލިބެއެވެ. އެގޮތުން ކަނޑުމަތީގެ އޮޕަރޭޝަންތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ބޭނުންތެރި ސީވިޝަން އެޕްލިކޭޝަނާ ގުޅޭ ތަމްރީނު ޕްރޮގުރާމެއް އެމެރިކާއިން ޖަނަވަރީ މަހު ހިންގިއެވެ.