ENGLISH
30 އޮކްޓޯބަރު 2025
މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަޤީންކަން މަސްވެރިންނަށް ރައީސް ދެއްވައިފި
30 ސެޕްޓެމްބަރު 2025
|
 
            ކެއުޅުންނާ ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަސްވެރިންނަށް ދެއްވައިފިއެވެ.
ކެއުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ރައީސް ވަނީ ސަރުކާރުން، މަސްވެރިންގެ އަޑުއައްސަވާ މަސްވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަކުރެއްވި ތިންވަނަ ފަހަރެވެ.
މި ބައްދަލުކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރައްވާފައެވެ. އަދި މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ ތާރީޚެއް ސާފުކޮށްދެއްވުން ކަމަށް އެދިވަޑައިގެންފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަޤީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ.
ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން އަންނަނީ، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި:
މީގެ އިތުރުން ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކުރައްވައި، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ކެއުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މީގެކުރިން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައި، ކެއުޅުން ހިއްސާކުރެއްވި ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާފައިވާ ކަންކަން ފާހަގަކުރައްވައި، އިތުރަށް ރަނގަޅުކުރަން ބޭނުންވާކަންކަންވެސް ކެއުޅުން ހިއްސާކުރެއްވިއެވެ.
ކެއުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކުރައްވައިގެން، މަސްވެރިންގެ ޚިޔާލާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ.
ކެއުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މަސް ގަންނަ އަގު 20 ރުފިޔާ އަށް ބޮޑުކޮށްދޭނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވީ މިދިޔަ ހަފުތާގައި، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަށް ކުރެއްވި ދަތުރުފުޅުގައި މ. އަތޮޅު ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްވެރި ރަށެއް ކަމަށްވާ ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް އެމަނިކުފާން ވެވަޑައިގަތް އެންމެ މުހިންމު ވައުދަކީ މަސްކިލޯއެއް 20 ރުފިޔާ އަށް ބޮޑުކޮށްދިނުން ކަމަށެވެ. ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމެއް ކަމަށާއި ހަމަ ނަމެއްގައި މާދަމާ އިން ފެށިގެން 20 ރުފިޔާއޭ ބުނުމުން އަދި ނުފުދޭނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
 
                       
                       
                      