ENGLISH
30 އޮކްޓޯބަރު 2025
ނައިފަރަށް 45 ހެކްޓަރުގެ ބިން އިތުރުކުރުން އެމްޓީސީސީއާ ހަވާލުކޮށްފި
29 ސެޕްޓެމްބަރު 2025
|
ނައިފަރު ބަނދަރު ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން، ފޮޓޯ: އެމްޓީސީސީ
ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައި އޮތް ޅ.ނައިފަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ނައިފަރަކީ 5،787 މީހުންގެ އާބާދީއެއް އޮތް، ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުވެފައިވާތާ އެތައް ދުވަހެއްވީ ރަށެކެވެ. އެ ރަށުގައި ގޯތި ނުދޭތާ އެތައް ޒަމާނެއް ވެފައިވާއިރު، މި މަޝްރޫއުގެ ދަށުން ނައިފަރުގެ ބިން ބޮޑުކުރެވުމާއެކު ގޯތި ދޫކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައި، ސިނާއީ މަސައްކަތްކުރުމަށް ބޭނުންވާ ބިން ދޫކުރާނެ ޖާގަ ރަށަށް އިތުރުކުރެވޭނެއެވެ.
މި މަޝްރޫގައި ހިމެނެނީ 44.80 ހެކްޓަރުގެ ބިން ހިއްުމާއި، 1،813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 474 މީޓަރުގެ ސަރަހައްދުގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 630 ދުވަހުން ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 679.03 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން އަންނަނީ ސަރުކާރުގެ އަމާޒުތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަަމުންނެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، ކޯސްވޭ ގާއިމުކުރުން ފަދަ ރަށްރަށުގެ އިގުތިސާދުތަކަށް އިންގިލާބީ ބަދަލުގެނުވާނެ ބޮޑެތި ބިނާރުތައް ގާއިމުކުރުން ހިމެނެއެވެ.