ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކައިގެ ހިޔާނާތަކީ އެމްޑީޕީގެ ކޮރަޕްޝަނުގެ ކުޑަ މިންވަރެއް: ސައީދު

29 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ޕީއެސްއެމް

ފެނަކައިގެ ތެރެއިން ހިންގި ހިޔާނާތަކީ ފާއިތުވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގާފައިވާ ހިޔާނާތްތަކުގެ ކުޑަ މިންވަރެއްކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

އޮޑިޓަރ ޖެނެރަލް އޮފީހުން އާއްމުކޮށްފައިވާ ފެނަކައިގެ ޕްރޮކިއުމެންޓާއި މާލީ ހާލަތުގެ އޮޑިޓު ރިޕޯޓާމެދު ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަައި ހިނގަމުންދިޔަ ކޮރަޕްޝަނުގެ އެކި އަމަލުތަކަކީ އެއިރުގެ ސަރުކާރުގެ ވެރިންނަށްވެސް އެނގިގެން ހިނގަމުންއައި ކަންކަަން ކަމަށެވެ. 

އަދި ފެނަކައިގެ ހިޔާނާތަކީ އެ ބޭފުޅުންނަށް އެނގިވަޑައިގެން ތިއްބަވައިމެ، އެއްވެސް ފިޔަވަޅެއް ނާޅުއްވައި އެކަމަށް މަގުފަހިކުރެއްވުމުގެ ސަބަބުން ހިނގި ހިޔާނާތެއް ކަމުގައި ސައީދު ތުހުމަތުކުރެއްވިއެވެ. އަދި އޮޑިޓު ރިޕޯޓަށް ބަލައިލުމުން އެއިރުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނަށް އެ ހިޔާނާތުގެ ތެރެއިން ނާޖައިޒު އެތައް ފައިދާއެއް ލިބިވަޑައިގެންފައިވާކަން ސާފުވާކަމަށް ސައީދު ވިދާޅުވިއެވެ. 

"އޭރު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނަން ފޮނުވައިގެން ފާސްކުރެއްވި އޭސީސީގެ ރައީސް އޮތީ، ރައީސް ސާލިހުގެ ސަމާލުކަމަށް ކަޅާއި ހުދުން ފެނަކައިގައި ވައްކަން ހިންގާކަން. އެކަން ދޫކޮށް ނުލައްވާށޭ. ރައީސް ސާލިހަށް މިއަދު ޑިނައި ނުކުރެވޭނެ. ހަމަ އެގޮތަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސިޓީފުޅަކުން އެނގެވީމަ އެބޭފުޅާ ރައީސް އޮފީހަށް ބަދަލުކުރެއްވީ. އެއިން އެނގިގެންދަނީ މިކަންކަން ހިނގާފައިވަނީ ރައީސް ސާލިހުއަށްވެސް އެނގިގެންކަން" ސައީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވިއިރު ދައުލަތުގެ ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑަށް ދަރުވާލާފައެވެ. އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ކުރީ ސަރުކާރުން ޗާޕުކުރި ނަމަވެސް އެ ފައިސާ އިގުތިސާދީ ގޮތުން ފައިދާ ލިބޭނެ މަގުން ބޭނުންކުރެވިފައި ނެތްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެއިރުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ނުއަގުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކުރީ އޭގެ ތެރެއިން ނަހަމަ ފައިދާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. 

"ޕީޕީއެމް ސަރުކާރުން ޖަމަޢުކުރި އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ރިޒާވް ދިޔައީ. ފެނަކައަށް އެކަނި ބެއްލެވިއަސް، މި ހުރިހާ ކޮރަޕްޝަންގެ ކަންކަމާއި ކުންފުނިތައް ދަރުވާލުމާއި ރިޒާވް ހުސްކޮށްލުމާއި، އެސްޑީއެފް ހުސްކުރުމާއި ދިވެހި ރުފިޔާގެ އަގުވައްޓާލުމާއި ނުކަތާ ވަރަށް ކަންތައްތައް ކޮށް ނުއަގުގައި ނެތް ފައިސާއިން ބަޖެޓުގައި ނުޖަހައި ކަންކަން މުޅި ހިންގުމު ނިޒާމު މަސްހުނިކޮށްލީ" ސައީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މިފަދަ އެތައް ނޭނގާނީ ކަމެއް ނިޒާމުގެ ތެރެއިން ހިންގާފައިވާކަން ސާފުކޮށް ފެންނަން އެބައޮތްކަމަށާއި، އެ ހުރިހާ މައްސަލައެއްވެސް ބަލައި ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ. 

އޭގެ އިތުރަށް ސައީދުވަނީ މިއަދުގެ ސަރުކާރުގެ ތެރެއިން ކުރީގެ ވެރިކަންތަަކުގައި ހިނގައިދިޔަ ޒާތުގެ ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުލިބޭނެކަމަށާއި، އެފަދަ ކަމެއް ހިނގާކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އެނގިވަޑައިގެންފިނަމަ އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު