ENGLISH
30 އޮކްޓޯބަރު 2025
ފެނަކައިގެ ޚިޔާނާތަކީ ގުޅިފައި އޮތް ނެޓްވޯކަކުން ނާޖައިޒު ފައިދާތަކެއް ހޯދަން ހިންގި ކަމެއް: ނާޒިމް
29 ސެޕްޓެމްބަރު 2025
|
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ހިންގާފައިވާ ފެނަކައިގެ ބޮޑު ކޮރަޕްޝަނަކީ ގުޅިފައިވާ ނެޓްވޯކެއްގެ ތެރެއިން ދައުލަތުގެ ފައިސާއިން ނާޖައިޒު މަންފާ ހޯދުމަށް ހިންގާފައިވާ ހިޔާނާތެއް ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަަމުން ނާޒިމު ވިދާޅުވީ ފެނަކައިގެ ތެރެއިން ނާޖާއިޒު މުއާމަލާތްތައް ހިންގާކަމުގެ އިޝާރާތް ލިބިގެން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކުން އެކަން އެއިރުގެ ދައުލަތުގެ އެންމެ އިސްވެރިޔާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނާޒިމު ފާހަގަކުރެއްވީ އޭސީސީން ފެނަކައިގެ ތެރޭގައި ހިނގަމުންދިޔަ ކަންކަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމުގެ ނަތީޖާއަކީ ބޮޑު ހިޔާނާތަކަށް މަގުފަހިވުން ކަމަށެވެ.
އިތުރަށް ނާޒިމު ވިދާޅުވީ އެ ދުވަހު ދައުލަތުގެ އެންމެ މަތީ ވެރިޔާ އޭސީސީން ސަމާލުކަމަށް ގެނައި ކަންކަމާ ގުޅިގެން ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވިނަމަ ރައްޔިތުންގެ މިހައި ބޮޑު ހައްގުތަކެއް ގެއްލިގެންދިއުމަށް ފުރުސަތު ނުލިބުނީސް ކަމަށެވެ. އަދި ރައީސް ސޯލިހު އެއިރު މިކަމާމެދު ފިޔަވަޅު އެޅުއްވި ނަމަ، އަވަސް ފުރުސަތެއްގައި ގިނަ މައްސަލަތަކެއް ހައްލުކުރެވި، ރައްޔިތުންގެ ތަރައްގީއަށް ހޭދަކުރަން ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވުނީސް ކަމުގައި ނާޒިމު ވިދާޅުވިއެވެ.
ފެނަކައިގެ މާލީ ކަންކަމާއި ޕްރޮކިއުމެންޓު ނިޒާމުގެ އޮޑިޓު ރިޕޯޓުން އެ ކުންފުނީގެ ޕެޓީ ކޭޝް ތެރެއިން އެކަނި 24 މިލިއަން ރުފިޔާ ނަހަމަ ގޮތުގައި ބޭނުންކުރިކަން އެނގެން އޮތްކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ އެއީ ދައުލަތުގެ އިދާރީ ހިންގުމާއި، ދައުލަތުގެ ފައިސާއަށް އެއްގޮތަަކަށްވެސް ބެލިފައިނުވާކަން އެނގޭ ކަމެއް ކަމަށެވެ.
ރަޖިސްޓަރ ނުކޮށްހުރި ބިދޭސީ ކުންފުނިތަކަކަށް 52.7 މިލިއަން ރުފިޔާ ތަކެތި ގަތުމަށާއި އެހެނިހެން މުއާމަލާތްތަކުގެ ތެރެއިން ދޫކުރެވިފައިވާކަމަށާއި، އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލުމަށް 105 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ފެންނަކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ މިއީ އެންމެ މީހަކަށް ކުރެވިދާނެ ކަމެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ.
"މިއީ އޮޅުމަކުން ނޫނީ އެޑްމިނިސްޓްރޭޓިވް ޕްެރޮސީޖާއަކުން ހިނގާނެ ކަންތައްތަކެއް ނޫން. މިފަދަ ކަންކަމަކީ ކަނޑައެޅިގެން ޕްލޭންކުރެވިގެން، އެންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަން ކަމުގައި ނުދެކެން، މިއީ ގުޅިފައި އޮތް ނެޓްވޯކަކުން ގުޅިގެން އެހެން ނާޖާއިޒު ފައިދާތަކެއް ހޯދުމަށް ހިންގި ކަންތައްތަކެއްކަން މި ރިޕޯޓް ކިޔާ ބަޔަަކަށް އޭގެ ކޮމަން ސެންސްއިން ދޭހަވޭ،" ނާޒިމު ވިދާޅުވިއެވެ.
ނާޒިމު އިތުރަށް ވިދާޅުވީ ކުރީ ދައުރުގައި އިދިކޮޅު ޕާޓީތަކުންވެސް އެންމެ ބޮޑަށް ފާހަގަކުރަމުންދިޔައީ ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ގޯހުން ގޯހަށް ހިނގަމުންދިޔަ ކަންކަން ކަމަށެވެ. އަދި އޭސީސީންވެސް ފެނަކައިގެ ކޮރަޕްޝަން ފާހަގަކުރިއިރު، މި ވާހަކަތަކަށް އެއިރުގެ ސަރުކާރުން ބީރު ކަންފަތެއް ދިނުމަކީ ދިވެހި ދައުލަތުގެ މާލީ ރެކޯޑުތައް ބަލަހައްޓަން ފެށިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތަށް މަގުފަހިވުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެ ފަދަ ބަޖެޓުގެ ދަތިކަން ބޮޑު ގައުމެއްގައި، މިފަދަ ހިޔާނާތުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދޭން ހުރި ފައިސާ ގެއްލިގެންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިހާރުވެސް ރަށްރަށަށް ދަތުރުކުރާއިރު ރައްޔިތުންގެ ކަންބޮޑުވުމަކީ އަސާސީ ހިދުމަތްތައް ނުލިބުން ކަމަށާއި، އެ ހިދުމަތްތައް ފޯރުކޮށްދޭން އޮތް ކުންފުނީގެ ތެރެއިން ގެއްލިގެންދިޔަ ފައިސާއަކީ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ބޮޑު ހުރަހެއް ކަމަށް ނާޒިމު ވިދާޅުވިއެވެ.
ނާޒިމު އިތުރަށް ވިދާޅުވީ މިހާރު މިއޮތް ސަރުކާރާއި ކުރިއަށް އޮތް ތަނުގައި ގާއިމުވާ ސަރުކާރުތަކުގެ ރައްކާތެރިކަމަށްޓަކައި މި މައްސަލައިގެ އެންމެ ފުނަށް ވާސިލުވެ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ އިއާދަކުރެވެންޖެހޭ ކަމަށެވެ.