ENGLISH
30 އޮކްޓޯބަރު 2025
ހުޅުމާލޭގައި އިވެންޓުތަކަށް ސްޓޯލުތައް ހުއްދަ ނުނަގައި ވިއްކާތީ ސަމާލުވާން އެދިއްޖެ
29 ސެޕްޓެމްބަރު 2025
|
އެޗްޑީސީގެ މައި އިދާރާ
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފެއާތަކާއި އެހެނިހެން އިވެންޓުތައް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިންް ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަަރާތްތަކުން ސްޓޯލުތައް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އިއްޔެ އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، އެޗްޑީސީން އިވެންޓު ބޭއްވުމަށް ދޭންޖެހޭ ހުއްދަ ދޫކުރުމުގެ ކުރިން ބައެއް ފަރާތްތަކުން އެ އިވެންޓުތަކުގައި ބައިވެރިވުމަށް ސްޓޯލުތައް ވިއްކަމުންދާކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓަކުން ނުވަތަ ފެއާއަކުން ސްޓޯލެއް ގަތުމުގެ ކުރިން، އެ އިވެންޓަކީ އެޗްޑީސީން ހުއްދަ ދީގެން ބާއްވާ ހަރަކާތެއްކަން ކަށަވަރުކުރުމަށް އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސސް ސެކްޝަނުގެ ނަންބަރު 3356112 އަށް ގުޅައި އެކަން ކަށަވަރުކުރުމަށް އެެ ކުންފުނިން އެދިފައިވެއެވެ.
"އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި މިގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް އާންމުކޮށް އަންގައި އިއުލާންކުރަމެވެ."
އެޗްޑީސީން ވަނީ ހުޅުމާލޭގައި ފެއާތަކާއި ނައިޓް މާކެޓުތަކާއި މަގުމަތީ ބާޒަރުތައް ބޭއްވުމަށް ހުސް ސަރަހައްދުތައް ދޫކުރުން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވެއެވެ.