ENGLISH
03 އޮކްޓޯބަރު 2025
އިލްޒާމްގެ ޓިކެޓް ވިއްކަން ފަށައިފި، ނަސީބުވެރިއަކަށް އައިފޯން 17 ޕްރޯއެއް
28 ސެޕްޓެމްބަރު 2025
|
އިލްޒާމްގެ ޕޯސްޓަރު --
ކުޅަދާނަ ޑައިރެކްޓަރު / އެކްޓަރު, ޔޫސުފް ޝަފީޢުގެ އައު ފިލްމް "އިލްޒާމް" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
ފިލްމީ ދާއިރާ ދުށް އެންމެ މޮޅު އެކްޓަރު ކަމަށް ގިނަ ބަޔަކު ދެކޭ ޔޫއްޕެގެ "އިލްޒާމް" ގެ ޓިކެޓް އިއްޔެ ވިއްކަން ފަށާފައި ވަނީ އޮލިމްޕަސް ކުރިމަތީ ގަލޮޅު ދަނޑު ކައިރީގައި ޓެންޓްތަކެއް ޖަހައިގެންނެވެ. މާދަމާގެ ނިޔަލަށް އެ ތަނުން ޓިކެޓް ވިއްކާނެ އެވެ.
"އިލްޒާމް" އަކީ ޔޫއްޕެ ޕްރޮޑަކްޝަން އާއި ދެކެދެކެ ވެސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މި ފިލްމުގެ ޓިކެޓް ގަނެގެން ނަސީބުވެރި މީހަކަށް އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެ ގޮތުން އަންނަ މަހުގެ ހަވަނަ ދުވަހުގެ ޝޯ އާ ހަމައަށް ޓިކެޓް ގަންނަ މީހުންނަށް ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
ފޯނު ހުށައަޅާފައިވަނީ ޕްލެޓިނަމްގެ ފަރާތުންނެވެ.
ވަރަށް ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމަކީ މި އަހަރު ސްކްރީން ކުރާނެ އެންމެ ރީތި ފިލްމަށް ވާނެ ކަމަށް ބެލެވެ އެވެ. ނަފްރަތާއި ހަސަދަަ, ލޯތްބާއި ހިތާމަ, އެކުވެރިކަމާއި ދެކޮޅުވެރިކަން, އާއިލީ ބަދަހި ގުޅުމާއި މައިންބަފައިންނާއި އޮންނަން ޖެހޭ ގުޅުންތައް އަދި ހަސަދައާ ފިތުނަވެރިކަމާއި މި ނޫންވެސް ތަފާތު އެކި އިހްސާސްތައް ދައްކުވައިދޭ މި ފިލްމަކީ މި އަހަރުގެ ބޮޑު ފިލްމު ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.
ފިލްމުގެ ތަރީންނާއި ފިލްމީ ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި މި ހަފްލާގައި ފިލްމުގެ ފަސްޓްލުކް ވަނީ ދައްކާލާފަ އެވެ. އަދި ފިލްމުގެ ޓްރެއިލާ އާއި މުޅި ފިލްމުގެ މުހިންމު ހައިލައިޓްސްތަކެއް ވަނީ ދައްކާލާފަ އެވެ. "އިންޝޯޓް" ބެލުމަށް ފަހު ވަރަށް ގިނަ ބަޔަކު ވަނީ މިއީ މި ފަހުން ބަލާލަން ލިބޭނެ އެންމެ ރީތި އަދި އެންމެ ތަފާތު ފިލްމަށް ވާނެ ކަމަށް ބުނެފަ އެވެ.
މި ފިލްމަކީ ޔޫއްޕެގެ ޑްރީމް ޕްރޮޖެކްޓެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ބެލުންތެރީންނާއި ހަމައަށް ގެނެސް ދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ މީގެ 15 އަހަރު ކުރީން 2010 ވަނަ އަހަރު އެވެ.
ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން ފިލްމު ގެނެސްދެވޭ ގޮތް ނުވީ އެވެ.
ވަރަށް ހިތްގައިމު ލަވަތައް ހިމެނޭ މި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އދ. ދަނގެތީގަ އެވެ. މި ފިލްމުގައި ޔޫއްޕެގެ އިތުރުން އަހްމަދު ނިމާލް އާއި ދަރާ މުހައްމަދު ރަޝީދު, މަރިޔަމް ޝަކީލާ ފަދަ މޮޅު އެކްޓަރުންނާއި އެކްޓްރެސް އިން ފެނިގެންދާނެ އެވެ.
މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓަރު ކޮށްފައިވާ ފިލްމެެކެވެ. މި ފިލްމު ސްކްރީން ކުރާނެ ތާރީޚް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.