ENGLISH
30 އޮކްޓޯބަރު 2025
ފެނަކައިގެ ހިޔާނާތަކީ ސައީދާ ހަމައިން ނިންމައިލެވޭނެ ކަމެއް ނޫން: ހުސްނީ މުބާރަކް
28 ސެޕްޓެމްބަރު 2025
|
މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ 2.2 ބިލިއަން ރުފިޔާގެ ކޮރަޕްޝަނަކީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދާ ހަމައިން ނިންމައިލެވިދާނެ ކަމެއް ނޫން ކަމަށް މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގުރާމުގައި ވާހަކަދައްކަަވަމުން ހުސްނީ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުވެ އައު ސަރުކާރު އުފެދުނުއިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި ދަރަނި އިތުރުވެގެންދިޔަ ގޮތް މާލީ ހިސާބުތަކުން ފެންނަަން ހުރިކަން ފާހަގަކުރައްވަމުން ހުސްނީ ވިދާޅުވީ އެއިރު އިތުރުވި ދަރަނީގެ އެއް ބަޔަކީ ފެނަކައިގެ ސަބަބުން އިތުރުވި ދަރަނި ކަމަށެވެ.
ފެނަކައިގެ މާލީ ހާލަތާއި ޕްރޮކިއުމެންޓުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތަށް ބަލައި ތައްޔާރުކޮށްފައިވާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ރިޕޯޓުން އެނގޭ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރައެވެ. މައިގަނޑު ގޮތެއްގައި އެ ކުންފުނީގެ ދަރަންޏަކީ އެކި ފަރާތްތަައް ލައްވައި މަސައްކަތްކުރުވައި މުދާ އެތެރެކުރުމަށްފަހު ދައްކަންޖެހޭ ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން އިތުރުވި ދަރަންޏެވެ.
ފެނަކައަކީ ގާނޫނުއަސާސީން ދައުލަތަށް ފޯރުކޮށްދިނުން ލާޒިމުކޮށްފައިވާ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ހުސްނީ ވިދާޅުވީ އެކަށީގެންވާ ވަސީލަތްތައް ހޯދައިގެން ހިދުމަތް ދޭނަމަަ ދެދުވަހުން އެއްދުވަހު ކަރަންޓު ކެނޑިގެން ރަށްރަށުގައި އުޅެންނުޖެހޭނެ ކަމަށެވެ.
ނަމަވެސް އޮޑިޓު ރިޕޯޓުން ފެންނަނީ ދެ މިލިއަން ރުފިޔާއަށް ލިބޭ ޖެންސެޓް 17 މިލިއަން ރުފިޔާއަށް ގެނެސްފއި ހުރި ތަންކަމަށާއި، ބޮޑު އަގުގައި ގަނެފައި ހުރީވެސް މުޅިން ބާ ތަކެތި ކަމުގައި ހުސްނީ ވިދާޅުވިއެވެ. ހުސްނީ ވިދާޅުވީ އެމްޑީޕީން މިއަދު ކަންބޮޑުވެގެން އުޅެނީ މިފަދަ ކަންކަން ބަލައި، އެކަންކަމުގައި ޝާމިލުވާ މީހުންނާމެދު ޖިނާއީ ތަހުގީގުތައް ހިންގައި ދައުވާ އުފުލަފާނެތީ ކަމަށެވެ.
ހުސްނީ ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަނަކީ އެކުންފުނީގެ އެއިރުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދާ ހަމައިން ނިންމައިލެވެން އޮތް ކަމެއް ނޫން ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި ކޮރަޕްޝަނުގައި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ހުސްނީގެ މައިގަނޑު ތުހުމަތު އަމާޒުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
ރައީސް ސޯލިހަށް އޭސީސީން ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ ރިޕޯޓެއް ފޮނުވި ނަމަވެސް، އަދި އެ ރިޕޯޓު ލިބިވަޑައިގަތްކަމަަށާއި، ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވި ނަމަވެސް 2022 އަދި 2023 ވަނަ އަހަރުވެސް ފެނަކައިގެ ކޮރަޕްޝަން ދިޔައީ އިތުރުވަމުންކަން އޮޑިޓު ރިޕޯޓުން ސާފުވާކަން ހުސްނީ ފާހަގަކުރެއްވިއެވެ.
ހުސްނީ އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ފެނަކައިން މަޝްރޫއުތައް ހަވާލުކޮށް، ފައިސާ ދޫކޮށްފައި ހުރި ގޮތަށް ބަލައިލުމުން އެއީ އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި މަގުފަހިކުރުމަށް ކުރި ކަންތައްތަކެއް ކަމުގައި ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަދި މިގޮތަށް ފައިސާ ބަހަމުންދިޔައިރު، ފެނަކައަށް ފައިސާ ދޫކުރަމުންއައީ ފިނޭންސް މިނިސްޓްރީންކަން ފާހަގަކުރައްވަމުން ހުސްނީ ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަނުގެ ތެރެއިން ފައިސާ ދޫކުރަމުންއައި ގޮތްތައް އެއިރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް އެނގިވަޑައިނުގަންނަވާކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.