ENGLISH

30 އޮކްޓޯބަރު 2025

Advertisement

ވައުދު ފުއްދެވުން؛ ނޮވެންބަރު އެކަކުން ފެށިގެން، ދައުލަތުގެ ގިނަ މުވައްޒަފުންތަކެއްގެ މުސާރަ ބޮޑުވާނެ

28 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ

އަންނަ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވައި، ވައުދުފުޅު ފުއްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ. 

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުޢިއްޒުވަނީ ދައުލަތުގެ މުވައްޒަފުންގެ ތެރެއިން ތިން ބައެއްގެ މުސާރަ ބޮޑުވެގެންދާނެކަން އިއުލާނުކުރައްވާފައެވެ. އެއީ ސިވިލް ސާވިސް މުވައްޒަފުންނާއި، ޖުޑީޝަރީގެ މުވައްޒަފުންނާއި، ކައުންސިލުުތަކުގެ މުވައްޒަފުންނެވެ. 

"އިރާދަކުރެއްވިއްޔާ، މި އަހަރު ޕޭ ހާމަނައިޒް ކުރެވިގެން، މުސާރަ ބޮޑުވެގެންދާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންނާއެކު، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒް ކުރެވި، ބޮޑުކުރާނެކަން އަޅުގަނޑު އުފަލާއެކީގައި ދަންނަވަން.،" އެ ދުވަހު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ. 

އަންނަ ނޮވެންބަރު މަހުން ފެށިގެން އެ ވައުދުފުޅު ފުދިގެންދާނެކަން އިއުލާނުކުރައްވަމުން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންގެ އިތުރަށް ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ޕޭ ހާމަނައިޒްކުރެވި ބޮޑުވާނެ ކަމަށެވެ. 

އޭގެ އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ މި ފަރާތްތަކުގެ މުސާރަ  މި އަހަރު ބޮޑުވާނެކަން ރިޔާސީ ބަޔާނުގައި އެމަނިކުފާނު އިއުލާނުކުރެއްވި ކަމެވެ. އިތުރަށް ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން މި އަހަރު މުސާރަ ބޮޑުނުވާ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ 2026 ވަނަ އަހަރު ޕޭ ހާމަނައިޒްކުރެވި ބޮޑުވެގެންދާނެ ކަމަށެވެ. 

ޕޭ ހާމަނައިޒްކުރުމަށް ފަށާފައިވާ މަސައްކަތަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހުރި އުޖޫރައިގެ ފަރަގު ނައްތާލައި އެއްހަމަކުރުމާއެކު، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޒަމާނާއެކު އައިސްފަައިވާ ބަދަލުތަކާ އެއްހަމަވާނެ ގޮތަށް ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. 

މި މަސައްކަތުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި، ޓީޗަރުންނާއި، ފުލުހުންނާއި ސިފައިންގެ މުސާރަތަކަށް ބަދަލު ގެެސް ބޮޑުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު