ENGLISH

30 އޮކްޓޯބަރު 2025

Advertisement

އެމްޑީޕީން "ޒީރޯ ޓޮލަރެންސް"ގެ ނިވާފަތްގަނޑުގައި ކޮރަޕްޝަނަށް ދިނީ ހިތްވަރު

28 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރުކުރައްވަނީ، ފޮޓޯ: ނުކުތާ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހިން އެމްޑީޕީއަށް ވެރިކަން ދިނުމަށް ނިންމީ އުންމީދާއެކުއެވެ. ޖެހިގެން އައި 2019 ވަނަ އަހަރު އެމްޑީޕީއަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދިނީ އެ އުންމީދުތަކުގައި ކުލަ ޖެއްސުމަށް ބޭނުންވާ ބާރުވެރިކަން ދިނުމުގެ ގޮތުންނެވެ. ފަސް އެނބުރި ބަލައިލާއިރު، 2023 ވަނަ އަހަރު އެމްޑީޕީއަށް ދިވެހިންގެ ތަނަވަސް އަޣުލަބިއްޔަތު ނޫނެކޭ ބުނީ އެއިރު ދެއްކި ހުވަފެންތަކާއި ކުރަހައިލި އުންމީދީ ތަސްވީރުތަކުގައި ކުލަނުޖެހި ހަގީގަތަކަށް އެކަންކަން ނުވުމުންނެވެ. 

އެމްޑީޕީއަށް ވެރިކަން ދިނުމުގެ މައިގަނޑު އެއް ސަބަބަކީ 2013 އިން 2018 އަށް ހިނގި ވެރިކަމާމެދު އުފެދިފައި އޮތް ނުތަނަވަސްކަމެވެ. އަމާޒުވަމުން އަައި ކޮރަޕްޝަނުގެ ތުހުމަތުތަކެވެ. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އުފެދިފައި އޮތް ނުރުހުމެވެ. އެމްޑީޕީ އިންތިހާބަށް ނުކުތީ އެކަންކަން ހައްލުކުރާނެ ކަމަށް ވައުދުވަމުންނެވެ. ދައުލަތުގެ ހިންގުން ހަރުދަނާކޮށް ކޮރަޕްޝަނަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރާނެ ކަމުގެ ވައުދާއެކެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ، ހޯދައިދިނުމަށް އަހުދުވެ، ދައުލަތަށް ހިޔާނަތްތެރިވި އެންމެ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. 

އެސެޓް ރިކަވަރީ ކޮމިޝަން؛ ނެރެވުނު ނަތީޖާއެއް ނެތް ބޭކާރު ހަރަދެއް 

މި ވައުދުތަައް ފުއްދަވާނެކަމަށް ބަލައި ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެރިކަން ހަވާލުކުރިއެވެ. ރައީސްކަމުގެ ހުވައިކުރެއްވުމާއެކު، އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަފުސީލު ތަހުގީގެއް ހިންގައި ދައުލަތަށް ގެއްލުނު އެތައް މިލިއަން ޑޮލަރެއް އަނބުރާ ހޯދުމުގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. އެސެޓް ރިކަވަރީ ކޮމިޝަނުގެ ނަމުގައި އުފެއްދެވި އެ ކޮމިޝަނަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ދެއްވުމަށް ރިޔާސީ ކޮމިޝަންތަކާ ބެހޭ ގާނޫނެއް މަޖިލީހަށް ހުށަަހަޅުއްވައިގެން ފާސްކުރެއްވިއެވެ. 

އެސެޓް ރިކަވަރީ ކޮމިޝަން ރައީސް ސޯލިހު އުވައިލެއްވީ މާޗު 17، 2022 ގައެވެ. 2021 ވަނަ އަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވިއެވެ. އެއީ ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި މުވައްޒަފުންގެ ހަރަދާއި ކުލި ފަދަ ކަންކަމަށް ދައުލަތުން ކުރި ހަރަދެވެ. 

ދިހަ މިލިއަނެއްހައި ރުފިޔާ ތިން އަހަރުން ހަރަދުވި ކޮމިޝަން އުވައިލެއްވިއިރު އެ ކޮމިޝަނަށް ދައުލަތަށް އަނބުރާ ހޯދުނީ ކިހައި ފައިސާއެއްތޯއެވެ. 2022 ވަނަ އަހަރު ކޮމިޝަން އުވައިލެއްވުމުގެ ކުރިން ރައީސް އޮފީހުން މަހޯލި ފޯމެއްގެ ޖަވާބުގައި ބުނެފައިވަނީ އެ ކޮމިޝަނަށް މިހާތަނަށް އެންމެ ރުފިޔާއެއްވެސް ހޯދިފައި ނެތް ކަމަށެވެ. 

ރިޔާސީ ކޮމިޝަނު އުފައްދަވައިގެން ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވުން ފިޔަވައި ދައުލަތަށް ގެއްލުނު ފައިސާ ހޯއްދަވަން ރައީސް ސޯލިހު ކުރެއްވި މަސައްކަތްޕުޅެއް ނެތެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮވެމެ، އެސެޓް ރިކަވަރީ ގާނޫނެއް އެކުލަވައިނުލެވުނެވެ. ނަތީޖާއަކީ ގެއްލުނު ފައިސާ ހޯދާނެ ގާނޫނީ އޮނިގަނޑެއް އަދި ނިޒާމެއް ނެތުމެވެ. 

ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން ކުރި މަސައްކަތުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ޖަވާބެއް ނުލިބުނެވެ. އެ ދައުރު ނިމުމުން ބަލައިލިއިރު ބައިނަލްއަގުވާމީ ނިޒާމުގެ ތެރެއިން ކުރެވުނު މަސައްކަތެއް، އެ ފައިސާ ރައްކާކޮށްފައި ހުރިކަމަށް ބެލެވޭ ގައުމުތަކާއެކު ކުރެވުނު މަޝްވަރާއެއް ނެތެވެ. 

އެހެންކަމުން ރިކަވަރީ ކޮމިޝަނަކީ އަޅުވައިލި އަނދުނެކެވެ. އެއީ ބަޔަކަށް ވަޒީފާތަކެއް ދީގެންނާއި އޮފީސް ހިންގާނެ ޖާގަ ކުއްޔަށް ނަގަައިގެން ދައުލަތުގެ މާލިއްޔާއިން ފައިސާތަކެއް ދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެކެވެ. އިހުލާސްތެރިކަމާއެކު ނަތީޖާއެއް ނެރުމަށް ކުރެވުނު މަސައްކަތެއް ނޫނެވެ. 

ބޮޑެތި ހާއިނުން ދޫކޮށްލުން؛ ނުރަނގަޅު މެސެޖެއް 

ކުރީގެ ނައިބުރައީސް އަހްމަދު އަދީބަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތް ރާއްވަވައި ތަންފީޒުކުރެއްވުމުގެ މޭސްތެރިޔާއެވެ. އަދީބު ބޭނުންފުޅުވި ގޮތަށް ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ އެކައުންޓުތަކަށް ބެހިގެންދާނެ ގޮތް ހައްދަވައިދެއްވީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތެވެ. މިއީ އެ ދެ ބޭފުޅުންގެ އިއުތިރާފުން ޝަރީއަތަށް  ސާބިތުވެފައި ހުރި ކަންކަމެވެ. 

އަދީބާއި ޒިޔަތުގެ މައްޗަށް ޖަލު ހުކުމްތަކެއް އިއްވިއެވެ. ނަމަވެސް ނިކަމެތި އާދައިގެ ރައްޔިތުން ކުދިކުދި ކުށްތަކުގައި ބަދެވުމުން ޖަލަށްލާން ކުރާ ހުކުމް ޖަލުގައި ތަންފީޒުކުރަންޖެހުނުއިރު، އަދީބުގެ މައްޗަށް ޖަލު ހުކުމް އިއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ޕެންޓުހައުސްއަކަށް އޭނާ ބަދަލުކޮށްފިއެވެ. އުޅުއްވީ އަރާމުގައެވެ. ބައެއްފަހަރު ރޭގަޑު ރަށު ތެރޭގައި ކާރުކޮޅުގައި އުޅުއްވާކަމަށްވެސް އެއިރު އަޑުފެތުރުނެވެ. 

ދެން ރައީސް ސޯލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަދީބާއި ޒިޔަތުގެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށްދެއްވައި، ދެ ބޭފުޅުންވެސް މިނިވަންކުރެއްވީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ދެއްވައި، ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވަން ވައުދުވެވަޑައިގެން ވަޑައިގެންނެވި ރައީސް ސޯލިހެވެ. 

މިކަމުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ދައުލަތުގެ ފައިސާ ލޫޓުވައިލުމަށް ފެންބޮވައިގަނެފައި ތިބި މީހުންނަށް ދެވުނީ ކޮން ކަހަލަ މެސެޖެއް ހެއްޔެވެ؟ ރައީސް ސޯލިހު އެދެއްވީ ކިތަންމެ ބޮޑު ހިޔާނާތެއް ވިޔަސް ދިވެހިރާއްޖޭގައި އެކުށަށް އަދަބު ނުލިބޭނެ ކަމުގެ ޔަގީންކަން ނޫން ހެއްޔެވެ؟ 

އެނގިވަޑައިގެން ހުންނަވައި ކޮރަޕްޝަނަށް ޖާގަދެއްވި 

ރައީސް ސޯލިހުގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގިއެވެ. ހާއްސަކޮށް ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ނާޖައިޒު އެތައް މުއާމަލާތެއް ހިނގަމުންދިޔައެވެ. އެންމެ ގިނައިން އެފަދަ މުއާމަލާތްތައް ހިންގި ކުންފުންޏަކީ ފެނަކައެވެ. އެ ކުންފުނީގެ ނާޖާއިޒު މުއާމަލާތްތަކުގެ އަގު 2.2 ބިލިއަން ރުފިޔާއަށް އަރާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކުރި އޮޑިޓު ރިޕޯޓަކުން ފާހަގަވިއެވެ. 

ރައީސް ސޯލިހު ފެނަކައިގެ ޑެޕިއުޑީ މެނޭޖިން ޑިރެކްޓަރގެ މަގާމަށް އައްޔަންކުރެއްވި އިބްރާހީމް ވަހީދު 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެ މަގާމުން އިސްތިއުފާދެއްވައި އެ ކުންފުނީގެ އެއިރުގެ އެމްޑީއަށް ފޮނުއްވި ސިޓީއެއް މީސްމީޑިޔާގައި އާއްމުކުރެއްވިއެވެ. އެ ކުންފުނީގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނުގެ ތަފުސީލުތައް އެ ސިޓީގައި ބަޔާންކޮށްދެއްވިއެވެ. އިބްރާހީމް ވަހީދަކީ އެމްޑީޕީގެ އިސްވެރިޔެކެވެ. އެފަދަ ބޭފުޅަކު މިވަރުގެ ވާހަކަތަކެއް އާއްމުކުރައްވާއިރު އެކަަން ރައީސް ސޯލިހަށް އެނގިވަޑައިނުގަތުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. 

އަދި އިބްރާހީމް ވަހީދުގެ ސިޓީގައި ހުރި ކަންކަން އެނގިވަޑައިނުގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވިޔަސް، ފެނަކައިގެ ތެރެއިން ހިނގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާއި ކުންފުނީގެ ހިންގުމުގައި ހުރި ފަސާދައާއި ހިޔާނަތަށް ޖާގަ ލިބޭ ކަންކަން ފާހަގަކޮށް އޭސީސީން ރައީސް ސޯލިހަށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސިޓީއެއް ނުފުނޮވާކަމަށް ވިދާޅުނުވެވޭނެއެވެ. 

އަމިއްލަ ޕާޓީގެ މަޖިލިސް މެންބަރުންވެސް ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދެއްކެވިއެވެ. މިނިވަން މީޑިޔާއިން އެ ވާހަކަތައް ލިޔެ ހާމަކުރަމުންދިޔައެވެ. ކުންފުނި ހިންގުމުގައި ހަދަމުންދާ ގޯސްތަކާއި، އެއިން ހޯދަމުންދާ ނާޖައިޒު މަންފާތަކުގެ ވާހަކަތައް ފަޅާއަރަމުން ހާމަވަމުންދިޔައެވެ. އޮޑިޓު ރިޕޯޓަކީ މި ވާހަކަތައް އެއްކޮށް ހެއްކާއެކު ހާމަކުރި ރިޕޯޓެކެވެ. ރިޕޯޓުގެ މާކުރިންވެސް އެ ވާހަކަތައް އޮތީ ހާމައަށް ފެންނާށެވެ. 

ނަމަަވެސް މިކަންކަން ހުއްޓުވަން ރައީސް ސޯލިހު ފިޔަވަޅެއް ނާޅުއްވައެވެ. ނަތީޖާއަކީ ފެނަކަ "ލޫޓުވައި" ހުސްކުރުމެވެ. ވެރިކަން ނިމުނުއިރު އެތައް ބިލިއަން ރުފިޔާއިން އެކުންފުނި ދެރުމެވެ. އާއްމުންނަށް ދޭންޖެހޭ ފައިސާ ނުދެވި އިދަޖެހުމެެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން އެތައް ސަަތޭކަ މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލުމެވެ. 

މިދެންނެވުނު ކަންކަމުން ފެންނަން އޮތް ހަގީގަތަކީ އެމްޑީޕީގެ ފާއިތުވި ސަރުކާރަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް އިއުލާނުކުރުމަށްފަހު، ތަންމިނަށް ކޮރަޕްޝަން ޓޮލަރޭޓުކުރި ސަރުކާރެކެވެ. ކުރީގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ކުރިން ގެއްލުނު ފައިސާ ހޯދުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކުރި ސަރުކާރެކެވެ. އެކި ތަންތަނުގައި ހިނގަމުންއައި ކޮރަޕްޝަންގެ އަމަލުތައް ފަޅައިއަރައި ހާމަވަމުންދިޔައިރު، އެއިންކަމެއް ނުފެނި ކަހާތަން ހިރުވައިވެސްނުލައި ނޭނގޭކަމަށް ހަދައިގެން ނިދާފައި އޮތް ސަރުކާރެކެވެ. ނަތީޖާއަކީ ކޮރަޕްޝަންގެ އަމަލުތަކަށް ހިތްވަރު ލިބުމެވެ. 

ކިޔުންތެރިންގެ ހިޔާލު