ENGLISH
30 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ލިސްޓަށް އުނިއިތުރެއް ނުގެނޭ، ނުވެސް ގެނެވޭނެ: މުއްތަލިބު
28 ސެޕްޓެމްބަރު 2025
|
މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ހައުސިން ސްކީމުގެ ދަށުން ދޫކުރި 4،000 ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށާއި އެފަދަ ބަލެއް އެއްވެސް ފަރާތަކަަށް ނުގެނެވޭނެ ކަމުގައި ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ނިމެން ވަރަށް މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް، އެއިރުގެ ސަރުކާރުން 4،000 ފުލެޓު ހައްގުވާ ފަރާތްތަކުގެ ލިސްޓެއް އާއްމުކުރިއެވެ. އެ ލިސްޓަށް ފުލެޓު ހަވާލުކުރަން ނިންމާފައިވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަން ހުއްޓުވިއެވެ. އެއީ އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ ލިބުމާ ގުޅިގެންނެވެ.
އެ ޝަކުވާތަކާ ގުޅިގެން އެ ލިސްޓަށް އަމަލުކުރުން މަޑުޖެއްސުވުމަށްފަހު އެ ލިސްޓު އޭސީސީން ދިރާސާކުރިއެވެ. އެ ކޮމިޝަނުން ނިންމީ ލިސްޓު އެކުލަވައިލުމުގައި ބޮޑެތި މައްސަލަތައް ހުރިކަމަށާއި، ގެދޮރުވެރިޔާ ސްކީމުގެ އުސޫލު އެކުލަވައިލާފައިވާ ގޮތާ ހިލާފަށް އެތައް ބަޔަކަށް ފުލެޓު ދީފައިވާ ކަމަށެވެ.
އޭސީސީގެ ރިޕޯޓާ ގުޅިގެން އެ ލިސްޓު ދިރާސާކޮށް ހައްގުވެރިން ކަނޑައަޅައި އުސޫލާ ހިލާފަށް ފުލެޓު ލިބުނު މީހުން އުނިކުރަން ނިންމި ނަމަވެސް ފަހުން ސަރުކާރުން ނިންމާފައިވަނީ، އެއިރު އެމްޑީޕީގެ ވެރިކަމުގައި އާއްމުކުރި ލިސްޓުގައި ހިިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުން އެކަނި އުނިކުރުމަށްފަހު ބާކީ ތިބި އެންމެންނަށް ފުލެޓު ދިނުމަށެވެ.
ނަމަވެސް އިދިކޮޅު ބައެއް މީޑިޔާއިން ފުލެޓު ލިސްޓުން ބަޔަކު އުނިކުރުމަށްފަހު ލިސްޓުން ޖާގަ ވިއްކަމުންދާކަމަށް ތުހުމަތުކޮށް ރިޕޯޓުކޮށްފައިވެއެވެ. އެ ރިޕޯޓުތަކަށް ރައްދުދެއްވައި މިނިސްޓަރު މުއްތަލިބު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އެ ހުރިހާ ތުހުމަތުތައް ދޮގުކުރެއްވިއެވެ.
އޭނާ ވިދާޅުވީ 15 ނޮވެންބަރު 2023 ވަނަ ދުވަހުގައި އެއިރުގެ ސަރުކާރުން އިއުލާނުކުރި ލިސްޓަކީ ފައިނަލް ލިސްޓުކަމަށާއި، އެ ލިސްޓަށް އަމަލުކުރާނީ އިއުލާނުކުރެވުނު ގޮތަށް ކަމަށެވެ. އަދި ލިސްޓުނ އުނިކުރާނީ ހަމައެކަނި ޝަރުތު ހަމަނުވާކަން ޔަގީންވާ މީހުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިނިސްޓަރު ވިދާޅުވީ އެ ލިސްޓާ ހިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކޮށްފައިނުވާނެ ކަމށެވެ. ލިސްޓަށް އާ ބަޔަކު އިތުރުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުވެސް އޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.