ENGLISH
30 އޮކްޓޯބަރު 2025
ފެނަކައިގެ ކޮރަޕްޝަނުން އެމްޑީޕީގެ ވެރިންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާވި
28 ސެޕްޓެމްބަރު 2025
|
ކުރީގެ ރައީސް އަދި އެމްޑީޕީގެ ހާއްސަ މުޝީރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
އެމްޑީޕީގެ ވެރިކަމުގައި ހިނގި ހިޔާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައިވާ ފެނަކަ ކޯޕަރޭޝަަނުގެ ކޮރަޕްޝަނާއި ހިޔާނާތުން އެ ޕާޓީގެ ބައެއް އިސްވެރިންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނާޖައިޒު މަންފާތަކެއް ލިބުނުކަން ހާމަވެއްޖެއެވެ.
ނިމުނު ހަފުތާ ބުރާސްފަތިދުވަހު އޮޑިޓަރ ޖެނެރަަލްގެ އޮފީހުން އާއްމުކުރި ފެނަކައިގެ ޕްރޮކިއުމެންޓާއި، މާލީ ހާލަތުގެ އޮޑިޓު ރިޕޯޓުގައި އެ ކުންފުނީގެ ތެރޭގައި ހިންގާފައިވާ ގިނަގުނަ ނާޖައިޒު ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ބީލަންކުރުމަކާ ނުލައި މުދާ ގަތުމާއި، މަޝްރޫއުތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ފެނަކަ ތެރެއިން ހިންގާފައިވާ ތަފާތު ނާޖައިޒު މުއާމަލާތްތަކުގެ އަގު 2.2 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އޮޑިޓު ރިޕޯޓުން ދައްކައެވެ. އެ މުއާމަލާތްތަކުގެ ތެރެއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އެމްޑީޕީއާ ގުޅުން އޮތް ވިޔަފާރިތަކަށް ބަހައިލިކަން ހިސާބުތަކުން ސާފުވެއެވެ.
މި ކޮރަޕްޝަނުގެ ތެރެއިން އެމްޑީޕީގެ ވެރިންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަންފާވިކަން އޮޑިޓު ރިޕޯޓު ދިރާސާކޮށްލުމުން އެނގެއެވެ.
ނިމުނު ދައުރުގައި އެމްޑީޕީގެ އެންމެ ނުފޫޒުގަދަ މަޖިލިސް މެންބަރުންގެ ތެރޭގައި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހިމެނިވަޑައިގަންނަވައެވެ. ހުސައިނަކީ ރައީސް ސޯލިހާއި އެ ސަރުކާރުގެ ބައެއް ވަޒީރުންނާ ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ.
އޮޑިޓު ރިޕޯޓުން ފާހަގަކުރވުނު ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ހަމަށް ފެނަކައިން އަޑީ ތެޔޮ ގަންނަމުންދިޔައީ އެއްބަސްވުންތަކެއް ނެތިއެވެ. ބީލަމަށް ހުޅުވައިލަން ބޭނުންނުވާތީ، ކޮންމެ ދުވަހަކު އެތައް ޕާޗޭސް އޯޑަރު ހަދައި، ބީލަން ކުރުން ލާޒިމުވާ އަގަށްވުރެ ކުޑަ އަގުތަކެއް ޕާޗޭސް އޯޑަރުތަކުގައި ޖަހައިގެން، ކަޅު ތެޔޮ ގަންނަަމުންދިޔައީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށެވެ.
އެ މުއްދަތުގައި 127.76 މިލިއަން ރުފިޔާގެ ކަޅުތެޔޮ އެ ކުންފުނިން ގަތެވެ. އެއިން 15.8 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަތީ ސަރުކާރު ދެ ކުންފުނިކަމަށްވާ އެމްޓީސީސީއާއި ސްޓެލްކޯއިންނެވެ. ނަމަވެސް ބާކީ 111.95 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަނެފައިވަނީ މެންބަރު ހުސައިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާ ސިރިއަސް އެންޓަޕްރައިސް މެދުވެރިކޮށެވެ.
ނިސީދާ ގޮތެއްގައި މި މުއާމަލާތްތަކުން މަންފާވި އެއް ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިހާތަނަށް ބެލިބެލުމުން ފެނަކައިގެ ކޮރަޕްޝަނުން މަންފާވި ކުންފުންޏަކުން ރައީސް ސޯލިހުގެ ކެމްޕެއިނަށް ދެ މިލިއަން ރުފިޔާ ދީފައިވެއެވެ.
އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ބީލަންނުކޮށް 439 އެއްބަސްވުމެއް ފެނަކައިން އެކުލަވައިލިއެވެ. އެއިން 10 އެއްބަސްވުމެއް ހަދާފައިވަނީ އަޒްރޯވާ ކުންފުންޏާއެކުއެވެ. ފެނަކައިން އެ ކުންފުންޏާއެކު 107.5 މިލިއަން ރުފިޔާގެ އެއްބަސްވުން ގާއިމުކޮށްފައިވެއެވެ. އެއިން ގިނަ އެއްބަސްވުން ހެދޭ މާކެޓު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްރޯވާއަކީ ފެނަކައިން ދޭންޖެހޭ ފައިސާ ލިބެމުން އައި ކުންފުންޏެކެވެ. އެ ކުންފުންޏަކީ ފެނަކައިގެ މަޝްރޫއުތަކުގެ އިތުރަށް އެމްޑީޕީ ވެރިކަމުގައި ސީދާ ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކެއް ހަވާލުކުރި ކުންފުންޏެކެވެ.
ރަައީސް ސޯލިހުގެ ކެމްޕެއިން މާލީ ބަޔާނުން އެނގޭ ގޮތުގައި އަޒްރޯވާގެ އެކައުންޓުން އެމަނިކުފާނުގެ ކެމްޕެއިން އެކައުންޓަަށް، ކޮންމެ ފަހަރަކު 200،000 ރުފިޔާގެ މަގުން ދިހަ ފަހަރު މަތިން ޖުމްލަ ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
ފެނަކައިގެ ކޮރަޕްޝަނާ ގުޅިގެން މިހާތަށް މީޑިޔާއަށް ތިލަވެފައިވާ ވާހަކަތަކަށް ބަލާއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަޝްރޫއުތައް ހަވާލުކޮށް، ބޭނުންވާ ބަޔަކަށް އެކަނި ފައިސާ ދޫކުރަމުންދިޔައީ އެ ފައިސާއިން އެއިރު ސަރުކާރުގެ ވެރިންނަށްވެސް ބައިއެޅޭ ގޮތަށެވެ. ނަމަވެސް މި ތުހުމަތުތައް މިހާތަނަށް ސާބިތުނުވެއެވެ.
ފެނަކަައިގެ ކޮރަޕްޝަނަކީ އެއިރު ކުންފުނީގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ އެކަނި ގޯހެއް ނޫނެވެ. އެއީ ސަރުކާރެއްގެ އިހުމާލު ނުވަތަ ގަސްތު އޮވެގެން ހިނގި ކަމެކެވެ. އެއިރުގެ ސަރުކާރާއި އެމްޑީޕީގެ ވެރިންނަށް ފެނަކަ ކޮރަޕްޝަނުން ސީދާ އަދި ނުސީދާ މަންފާ ލިބިވަޑައިގަތުމުން ތުހުމަތުވަނީ ކޮރަޕްޝަން ހިންގީ އެކަމުގައި އެއިރުގެ ވެރިންގެ ބައިވެރިވުންވެސް އޮވެގެން ކަމަށެވެ.