ENGLISH

19 އޮކްޓޯބަރު 2025

Advertisement

އޭދަފުށި ބެޑްމިންޓަން ކަޕްގެ ސިންގަލްސް ޗެމްޕިއަންކަން ނިބާލް އާއި ލައިބާ އަށް

27 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

އޭދަފުށި ބެޑްމިންޓަން ކަޕްގެ ސިންގަލްސް ޗެމްޕިއަނުން، ލައިބާ (ކ) އާއި ނިބާލް.

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވީ އޭދަފުށި ބެޑްމިންޓަން ކަޕް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ނިބާލް އަހުމަދު އާއި ލައިބާ އަހުމަދު މަހުލޫފް ހޯދައިފިއެވެ.

މި މަހުގެ 19 އިން 26 ގެ ނިޔަލަށް އޭދަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ކުރިއަށްދިޔަ މުބާރާތުގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ޖޫނިއާ އޯޕަންގެ އިތުރުން އޯޕަން އިވެންޓްގެ ކުޅުން ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން، މުބާރާތުގެ ޖޫނިއާ ބައިގައި 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ ކުޅުން ކުރިއަށްގެންދިޔަ އެވެ.

އޭދަފުށި ބެޑްމިންޓަން ކަޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ލައިބާ ވަނީ ފައިނަލުގައި ހައްވާ ނައުރީން މުޙައްމަދު އަތުން ސީދާ ސެޓުން މޮޅުވެފައެވެ.

މިވަގުތު ރާއްޖޭގައި ބެޑްމިންޓަންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެންމެ ހަގު ކުޅުންތެރިޔާ ކަމަށްވާ، ލައިބާ ވަނީ މި އިވެންޓް ހިމެނޭ ގޮތަށް އޭދަފުށި ބެޑްމިންޓަން ކަޕުން ތިން ރަން މެޑެއްޔާއި، އެއް ލޯ މެޑެލް ހާސިލްކޮށްފައެވެ.

އެންމެ ފަހުން އެކުލަވާލީ ޤައުމީ ބެޑްމިންޓަން ޓީމުގައިވެސް ހިމެނޭ ލައިބާ ވަނީ އަންހެން ސިންގަލްސް އޯޕަން ބައިގެ އިތުރުން 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް، އެ އުމުރުފުރައިގެ އަންހެން ޑަބަލްސްގައި އަލާޔާ ނަދީމް އާއެކު ރަން މެޑެލް ހޯދައިފައެވެ. ލޯ މެޑެލް ލިބުނީ އޯޕަން ކެޓަގަރީގެ މިކްސް ޑަބަލްސް ބައިންނެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ރިވައިވަލް ސްޕޯޓްސް އަދި ޤައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ނިބާލް ހޯދީ ފައިނަލުގައި ހަސަން ޒަޔާން މުޙައްމަދު ބަލިކޮށްގެންނެވެ. މި މެޗުން ނިބާލް މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 21-17، 21-15 އިންނެވެ.

މިއީ ނިބާލް އެންމެ ފަހުން ކުޅުނު ތިން ފައިނަލުގެ ތެރެއިން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. އޭނާ ވަނީ ދިރާގު މޯލްޑިވްސް އޯޕަން ބެޑްމިންޓަން މުބާރާތާއި މި ފަހަރުގެ އޭދަފުށި ބެޑްމިންޓަން ކަޕްގެ ސިންގަލްސް ތަށި ކާމިޔާބުކޮށްފައެވެ. ނިބާލް އަށް ނާކާމިޔާބުވީ ނައިފަރު އޯޕަން ފައިނަލުގައި އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު