ENGLISH
30 އޮކްޓޯބަރު 2025
ފެނަކައިގެ ހިޔާނާތް؛ އެނގި ތިބެ ނުހުއްޓުވި ބޮޑު ޖަރީމާއެއް
27 ސެޕްޓެމްބަރު 2025
|
ފެނަކަ ސައީދާއި ރައީސް ސޯލިހު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިގެ ތެރެއިން ބޮޑެތި ހިޔާނާތްތައް ހިންގަމުންއައި ކަން މީޑިޔާއިން ހާމަކުރިއެވެ. އެ ކުންފުނީގެ މުވައްޒަފުން އެއިރުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ރައީސް އޮފީހާއި އޭސީސީއާ ހިއްސާކުރިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގަައި އެޅުނު ފިޔަވަޅެއް ނެތެވެ. ނަތީޖާއަކީ 2.2 ބިލިއަން ރުފިޔާގެ ނާޖާއިޒުމު މުއާމަލާތްތައް ކުންފުނީގެ ތެރެއިން ހިންގައި، 3.9 ބިލިއަން ރުފިޔާއިން އެ ކުންފުނި ދަރައި، އާއްމު ހިދުމަތްތައް ދިނުމަށް ނުކުޅެދޭ މިންވަރަށް ފެނަކަ ހަރާބުކޮށްލުމެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްްޔާރުކުރި އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ކަންކަމަށް ބަލާއިރު، ފެނަކައަށް މުދަލާއި ހިދުމަތް ހޯދީ ބީލަމަށް ހުޅުވައިނުލައި ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަށް އެކި ކުންފުނިތަކާ މަސައްކަތް ހަވާލުކޮށްގެންނެވެ. މަސައްކަތް ހަވާލުކުރުމަށްފަހު ބައެއް ކުންފުނިތަކަށް ބަރާބަރަށް ފައިސާ ދެމުންދިޔައިރު 700 އެތައް ކުންފުންޏަކަށް ލިބެންޖެހޭ ބިލިއަނެއްހައި ރުފިޔާ ހުރީ ނުދައްކައެވެ.
ކުންފުނިން ހިންގާ ގޮތަށް ނިންމައިގެން އިންހައުސްކޮށް ހިންގި މަޝްރޫއުތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިިޔާ ހަރަދުކުރިއެވެ. ކޮންމެ މަޝްރޫއުތަކުގެ ބާޒާރުގެ އަގަށްވުރެ އިތުރަށް އެތައް ގުނައެއް ހަރަދުކޮށްފިއެވެ. ނަމަވެސް ގިނަ މަޝްރޫއުތަކުގެ 50 އިންސައްތަ މަސައްކަތްވެސް ނިންމައިނުލެވެއެވެ.
ފެނަކައިގެ ޕެޓީ ކޭޝް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރަމުންދިޔައެވެ. އެ ފައިސާއަށް ވީނުވީއެއް ނޭނގެއެވެ. 60 އެތައް މިލިއަން ރުފިޔާއެއް ހަރަދުވި ގޮތުގެ ހިސާބުކުތާބު ބަލަހައްޓާފައި ނެތެވެ. އަދިވެސް، އަދިވެސް އެތައް ކަމެކެވެ.
މިހުރިހާ ކޮރަޕްޝަނެއް ހިންގަމުންދިޔައިރު، އެއިރުގެ ސަރުކާރުގެ ވެރިން ތިއްބެވީ ފެނިވަޑައިނުގަންނަވާކަމަށް ހައްދަވައިގެންނެވެ. ނަމަވެސް ފެނަކައިގެ މުވައްޒަފުންގެ ފަރާތުން ރައީސް ސޯލިހަށް ފޮނުވި ސިޓީއެއްގައި ސައީދު ފެނަކައިގެ ތެރެއިން ހިންގަވަމުންދިޔަ ގިނަ ކަންކަމުގެ ތަފުސީލު އެމަނިކުފާނާ ހިއްސާކުރިއެވެ.
އޭގެ އިތުރަށް ފެނަކައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުނު މައްސަލަތައް ދިރާސާކުރުމަށްފަހު، ފާހަގަކުރެވުނު ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް އޭސީސީން ރިޕޯޓެއް ތައްޔާރުކޮށް ރައީސް އޮފީހަށް، ރައީސް ސޯލިހު އަރިހަށް ފޮނުވިއެވެ.
އެވަރުން ނިމުނީއެއް ނޫނެވެ. އެއިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުން ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ ދެއްކެވިއެވެ. އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ ކުރިން އެ މެންބަރުން މަޖިލީހުގެ ތަޅުމާއި އެހެނިހެން މަންސަތަކުގައި އެންމެ ބޮޑަށް ދެއްކެވި ވާހަކަފުޅަކީ ފެނަކައާއި އާރްޑީސީ ފަދަ ކުންފުނިތަކުގެ ތެރެއިން ހިންގަަމުން އައި ހިޔާނާތާއި ވައްކަމާއި ނާޖައިޒު މުއާމަލާތްތަކުގެ ވާހަކައެވެ. ގެއްލެމުންދިޔަ ފައިސާގެ ވާހަކައެވެ.
އަދި އެއިރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންވެސް އެކަން ފާހަގަކުރެއްވިއެވެ. ގަރާރުތަކާއި ކުއްލި މައްސަލަތަކާއި މައްސަލަތައް މަޖިލީހަށް ހުށަހެޅުއްވިއެވެ. ނަމަވެސް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން އަޅައެއްނުލިއެވެ.
މިދެންނެވި ހުރިހާ ކަމެއްގެ އިތުރަށް ފެނަކައަށް ފާރަވެރިވަމުންއައި މީޑިޔާތަކުން ފެނަކައިގެ ކޮރަޕްޝަން ރިޕޯޓުކުރިއެވެ. ބައެއް ފަހަރު ލިޔެކިޔުންތަކާއި އެހެނިހެން ހެކިތަކާއެކު ތަފާތު ކޮރަޕްޝަނުގެ ވާހަކަތައް ފެންމަތިކުރިއެވެ. މަޝްރޫއުތައް ހިންގުމުގައި ވަމުންދިޔަ އިހުމާލާއި ހަދަމުންދިޔަ މަކަރުތައް ހާމަކޮށްދިނެވެ.
ނަމަވެސް، މިއިން އެއްވެސް ކަމަކަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ ވަޒީރުން ސަމާލުކަމެއް ނުދެއްވިއެވެ. އެއިން ކަމެއް ރަނގަޅު ގޮތުގައި ތަހުގީގުކުރާނެ ޖާގައެއް ރައީސް ސޯލިހު ނުދެއްވިއެވެ. ނަތީޖާއަކީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ގެއްލުމެވެ.
ފެނަކައިގެ ކޮރަޕްޝަނުގެ ނާރެހަކީ ކުންފުނީގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން، މަޝްރޫއުތައް ހިންގުމާއި މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި ވަކި ބަޔަކަށް ގިނަ އަދަދެއްގެ ފައިސާ ބަހައިލުމެވެ. އެކި ނަންނަމުގައި ބީލަން ކުރުމެއް ނެތި ފެނަކައިގެ ވެރިން ބޭނުންފުޅުވާ ބަޔަކަށް އެތައް ބިލިއަން ރުފިޔާއެއް ދިނުމެވެ. މިކަން މިގޮތަށް ހިނގީ އަޅައިނުލައި ދޫކޮށްލުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް އިޝާރާތްކޮށް "ލޫޓުވުމުގެ" ތުހުމަތުކުރާއިރު އިދިކޮޅު އެމްޑީޕން، އެޕާޓީގެ ވެރިކަމާއި ރައީސްގެ ވެރިކަން އަޅައިކިޔައިލުން ބުއްދިވެރިއެވެ. ރައީސްގެ ވެރިކަމުގައި ވަޒީރެއްގެ ފެންވަރުގައި ހުންނެވި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އަމާޒުވުމުން މަގާމުން ވަކިކުރެއްވީއެވެ. އެެފްއެސްއެމްގެ އެމްޑީކަމުގައި ހުންނެވި ބޭފުޅާވެސް ކޮރަޕްޝަނުގެ ތުހުމަތުކުރެވުމުން ވަކިކުރެއްވީއެވެ. ކޮރަޕްޝަނުގެ ކޮންމެ ތުހުމަތެއް ބަލައި ތަހުގީގުކުރަން ޖާގަދެއްވާނެކަން އަމަލީ ގޮތުން ސާބިތުކޮށްދެއްވީއެވެ.
ސައީދު ހިންގަވާކަމަށް ތުހުމަތުވި ކަންކަން ފެންމަތިވި ދުވަހު، ރައީސް ސޯލިހާއި އެމްޑީޕީގެ މިއަދުގެ ވެރިން އެކަމަށް ހުރަސްއެޅުއްވިނަމަ، މިއަދު އޮޑިޓު ރިޕޯޓުން އެފެންނަ ބޮޑެތި ހިޔާނާތަށް މަގުފަހިނުވީހެވެ. ނަމަވެސް ފެނިވަޑައިނުގަންނަވާ، އިވިވަޑައިނުގަންނަވާ، އެނގިވަޑައިނުގަންނަވާ ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން، "ޒީރޯ ޓަލަރެންސް"ގެ ނިވާފަތްގަނޑުގައި ކޮރަޕްޝަން ހިންގުމަށް އެ ބޭފުޅުން ދެއްވީ މަދަދާއި އެހީއެވެ.