ENGLISH
30 އޮކްޓޯބަރު 2025
ތިމަރަފުށީ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް، މަގުތައް ހެދުން އާރްޑީސީއަށް
27 ސެޕްޓެމްބަރު 2025
|
ތިމަރަފުށީ ބަނދަރުގެ އެއްބަސްވުމުގައި ސޮއިކުރަނީ، ފޮޓޯ: ރައީސް އޮފީސް
ތ.ތިމަރަފުށީ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެ ރަށުގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އިއްޔެ ތ.ތިމަރަފުއްޓަށް ވަޑައިގެން ރޭ އެ ރަށު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވި ރަސްމިއްޔާތުގައި މި ދެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
އެގޮތުން ތިމަރަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަހްމަދު ސައުދީ ސޮއިކުރެއްވިއިރު، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ.
ތިމަރަފުށީ ބަނދަރު މަޝްރޫއުގައި ހިމެނެނީ 71،902 އަކަމީޓަރުގެ ސަރަހަައްދެއް ފުންކުރުމާއި، 644 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި، 203.50 މީޓަރުގެ ބޭރު ތޮއްޓެއް ލުމައި، 543 މީޓަރުގެ ރިވެޓްމެންޓު ޖެހުމާއި، 92 މީޓަރުގެ ގްރޮއިން ޖެހުމާއި، 3،200 އަކަމީޓަރުގެ ޕޭވްމެންޓު ތަރައްގީކުރުމާއި، 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބުރިޖެއް އެޅުމެވެ. އަދި ބަނދަރުގައި ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދާނެއެވެ.
ރޭ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެމްޓީސީސީއާ މި މަސައްކަތްތައް ހަވާލުކުރީ 540 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މުޅި މަޝްރޫއުގެ އަގަކީ 113.56 މިލިއަން ރުފިޔާއެވެ.
ތިމަރަފށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ރައީސް ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ހިންގަން ރާވާފައިވާ މުހިއްމު ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ވަރަށް ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދިޔައެވެ.