ENGLISH
30 އޮކްޓޯބަރު 2025
ފެނަކައަށް ވެހިކަލް ކުއްޔަށް ނެގުން؛ ވެހިކަލް ގަތުމަށްވުރެ ބޮޑު ހޭދައެއް ކުއްޔަށް ހިނގި
27 ސެޕްޓެމްބަރު 2025
|
ފެނަކައަށް ވެހިކަލް ކުއްޔަށް ނަގައިގެން ވެހިކަލް ގަންނަންދާ ހަރަދަށްވުރެ ބޮޑު މިންވަރެއް ހޭދަކުރި
ކުރީ ސަރުކާރުގައި އެއިރު ވެރިކަންކުރި އެމްޑީޕީ ފަރާތްތަކަށް ނާޖައިޒު މަންފާ ލިބޭ ގޮތަށް ފެނަކަ ކޯޕަރޭޝަނުގެ ތެރެއިން ހިންގި މާލީ މުއާމަލާތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ވެހިކަލް ކުއްޔަށް ނަގައިގެން ހިންގި މުއާމަލާތް ހިމެނެއެވެ.
މި މުއާމަލާތުގެ ތެރެއިން ފެނަކައަށް ގެއްލުންވާ ގޮތަށް ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް އެ ކުންފުނީގެ ތެރެއިން ކޮށްފައިވާ ކަންކަން ހާމަވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ފެނަކައިގެ ޕްރޮކިއުމެންޓާއި މާލީ ހާލަަތުގެ އޮޑިޓުންނެވެ. އެ އޮޑިޓުން މިފަދަ ގިނަ މައްސަލަތަކެއް ސާފުކޮށް ފެނިގެންދިޔައެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ފެނަކައިން އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ގިނަ އަދަދެއްގެ ވެހިކަލް ކުއްޔަށް ނެގިއެވެ. ވެހިކަލް ކުއްޔަށް ނެގީ އާއްމުކޮށް އިއުލާނުކޮށްގެންނެއް ނޫނެވެ. ހަމައެކަނި ވެހިކަލް ކުއްޔަށް ދޫކުރި ކުންފުނިތަކުން އަގު ހޯދައިގެން އެ ކުންފުނިތަކުން ވެހިކަލް ކުއްޔަަށް ނެގީއެވެ.
ކުންފުންޏަށް މުދަލާއި ހިދުމަތް ހޯދުމާ ގުޅޭ ގަވާއިދުގައި ބުނެފައިވާ ގޮތުން އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއްގެ އަަގު 225،000 ރުފިޔާއަށްވުރެ މަތިވާނަމަ، އެ މުދަލެއް ނުވަތަ ހިދުމަތެއް ރާއްޖެއިން ހޯދަންޖެހޭީ ބީލަމުގެ އުސޫލުން އާއްމުކޮށް އިއުލާނުކޮށްގެންނެވެ.
ވަކިވަކި ވެހިކަލްތައް ކުއްޔަށް ނެގުމަށް 225،00 އަށްވުރެ އެތައް ގުނައެއް އިތުރަށް ހަރަދުކުރި ނަމަވެސް، އަދި އެ ވެހިކަލްތައް ކުއްޔަށް ހިފުމުގެ މުއްދަތު ތަކުރާރުކޮށް އައުކުރަމުން ގޮސްފައި އޮތުމާއެކު އާއްމުކޮށް އިއުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން ކުއްޔަށް ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ފުރުސަތު ލިބުނު ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ގަަވާއިދާ ހިލާފަށް ބީލަމަށް ހުޅުވައިނުލައި ވެހިކަލްތައް ކުއްޔަށް ނެގުުމުގެ ސަބަބުން އަގުހެޔޮކޮށް ވެހިކަލް ކުއްޔަށް ނެގުމަށް އޮތް ފުރުސަތު ގެއްލިގެންދިޔަކަން އޮޑިޓު ރިޕޯޓުން ހާމަަވެއެވެ.
އަގުތަކަށް ބަލާއިރު އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެވެރެޖު ގޮތެއްގައި ވެހިކަލް ކުއްޔަށް ނެގި މުއްދަތު އަށް ފަހަރު މަތިން އިތރުކޮށްފައިވާ ކމަށެވެ. އަދި ބައެއް ވެހިކަލް ކުއްޔަށް ނަގައިގެން އެއް އަހަރާއި އަށް މަސްދުވަހާ ދެމެދުގެ މުއްދަތެއް ވެފައި ހުރިކަމަށެވެ.
އެގޮތަށް ކަންކަން ކުރުމުގެ ސަބަބުން ވެހިކަލް ގަތުމަށް ހަރަދުވާ ވަރަށްވުރެ ގިނަ ފައިސާ ކުއްޔަށް ހަރަދުވިއެވެ. އެގޮތުން 12 އެކްސްކަވޭޓަރާއި، ހަަތަރު ޕިކަޕަކާއި ބައުޒަރެއް ގަަންނަން 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި ބެލެވޭއިރު، އެ އަދަދަށް އެ ވެހިކަލް ކުއްޔަށް ނަގައިގެން ކުއްޔަށް 27.6 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. އެހެންކަމުން އެއީ އެ ވެހިކަލް ގަންނަން ހިނގާނެކަމަށް ބެލެވޭ ހަރަދަށްވުރެ 18.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.