ENGLISH
30 އޮކްޓޯބަރު 2025
ފަތުރުވެރިކަމުގެ ދެމެހެއްޓެނެވި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ސަރުކާރުން އިންވެސްޓުކުރާނެ: ތޯރިގު
27 ސެޕްޓެމްބަރު 2025
|
މިނިސްޓަރ ތާރިގު އިބްރާހީމް
ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނެވި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގާމު ކަށަވަރުކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އިންވެސްޓުކުރަމުންދާނެ ކަމުގައި ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވެވި ވީޑިޔޯ ހިތާބެއްގައި މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަމުން އައީ ފަތުރުވެރިކަމުގެ ކުރިއެރުމާއި ރާއްޖޭގެ ތިމާވެށި ހިމާޔަަތްކުރުމުގެ ބޭނުމުގައި ވަރަށް ބޮޑަށް ތިލަފަތްހަމަކުރެވިގެން ކަމަށެވެ.
އެއާއެކު މިނިސްޓަރުވަނީ، ވިޔަފާރިތަކާއި، ސަރުކާރު އިދާރާތަކާއި، ރާއްޖޭގެ ރަށްވެހިންނާއި، މެހެމާނުން ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ހުރިހާ ހިއްސާވެރިން ގުޅިގެން ޒިންމާދާރުކަމާއެކު ތިމާވެށި ރައްކާތެރިކުރުމާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއްގައި ވިލުންތެރިކަމާއި، ދެމެހެއްޓެނެވިކަން ތަންފީޒުކޮށް، ރާއްޖޭގެ ރީތި ވެއްޓާއި، މުއްސަނދި ތަރިކައާއި ސަގާފަތް އަންނާން އޮތް ޖީލުތަކަަށް ވާސިލުވާނެ ގޮތަށް އަމަލުކުރުމަށް މިނިސްޓަރު އެންމެންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.
އިތުރަށް ތޯރިގު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޤާބިލު ޒަޢާމަތުގައި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ބޮޑެތި ކާމިޔާބުތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނެވި، އެންމެނަށްވެސް ފުރުސަތު އޮތް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށްޓަކައި ބިނާރު ތަރައްގީކުރުމަށާއި، މާކެޓުކުރުމަށާއި، ފަންނީ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓުކުރުމަކީ ސަރުކާރުގެ އަޒުމްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކުގައި މަސައްކަތްކޮށް ފަތުރުވެރިކަމަކީ ފުރުސަތުތަކާއި އީޖާބީ ބަދަލުތަކާއި ކުރިއެރުމުގެ މަސްދަރެއްގެ ގޮތުގައި ފަތުރުވެރިކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ފާހަގަކުރެއްވީ، މި ދާއިރާ މިއަދު ދެކޭ ކުރިއެރުން ހާސިލުކުރެވުމުގެ ފަހަތުގައި ތިބީ އެ ދާއިރާގައި މަސައްކަތްކުރި، އަދި މިހާރު މަސައްކަތްކުރަމުންދާ އަންހެން އަދި ފިރިހެން މަސައްކަތްތެރިން ކަމެވެ. މިނިސްޓަރުވަނީ އެ ދާއިރާގެ މަސައްކަތްތެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.