ENGLISH
30 އޮކްޓޯބަރު 2025
ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިންގެ ރައްކާތެރިކަމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ: ޝިޔާމް
27 ސެޕްޓެމްބަރު 2025
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ދިވެހި މަސްވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ ސިފައިންގެ ހޮސްޕިޓާ ސެނެހިޔާއިން ތ.ގުރައިދޫގައި ގާއިމުކުރި ސެނަހިޔަ ހައިޕަރބަރިކް ސެންޓަރ ރައީސް ހުޅުވައިދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ މާލެއިން ބޭރުގައި ސަރުކާރުން ބެހެއްޓި ފުރަތަމަ ޑިކޮމްޕްރެޝަން ޗެމްބަރެވެ.
މަސްވެރިކަންކުރާއިރު އެން ނެގުމަށާއި އެނޫން ކަންކަމަށްވެސް މަސްވެރިން ފީނައެވެ. ފީނުމުގެ ތެރޭގައި ދިމާވާ އެކި މައްސަލަތަކުގައި ބޭނުންވާ ކުއްލި ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހަމަޖެހިފައި ނުހުރުމަކީ މަސްވެރިންނާއި ލޯކަލް ޓޫރިޒަމް ތަރައްގީވަމުންދާ ރަށްރަށުގައި މަސައްކަތްކުރާ ޑައިވަރުންގެ ދުވަސްވީ ޝަކުވާއެކެވެ.
ތ.ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ގުރައިދޫގައި ހުޅުވުނު ޑިކޮމްޕްރެޝަން ޗެމްބަރގެ އިތުރަށް ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި އެފަދަ ޗެމްބަރތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
އެކަމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ޝިޔާމު ވިދާޅުވީ ގުރައިދޫގައި ހުޅުވުނު މަރުކަޒަކީ މަސްވެރިންނަށް ހާއްސަކޮށްގެން ސަރުކާރުން ރާއްޖޭގެ ތާރީހުގައި ގާއިމުކުރި މިފަދަ ފުރަތަމ މަރުކަޒު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު މަރުކަޒުތައް އެހެނިހެން ރަަށްރަށުގައި ހުޅުއްވައިދެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރައްވަމުންދާ މަސައްކަތްޕުޅެއް ކަމަށެވެ.
އިތުރަށް ޝިޔާމު ވިދާޅުވީ ރައީސްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހި މަސްވެރިންގެ ސަލާމަތާއި ރައްކާތްތެރިކަމަށްޓަކައި ބޮޑު އަހަންމިއްޔަތަކާއި އިސްކަމެއް ދެއްވައިގެން ރައީސް ގެންދަވަނީ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ކަމަށެވެ.
މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މަސްވެރިކަންކުރާ ކޮންމެ އޮޑިއެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމަށް ރައީސް ކަނޑައެޅުއްވި ޕްރޮގުރާމެވެ. އެ ޕްރޮގުރާމުގެ ތެރެއިން 2024 ގައި އެކަނި 56 ޑައިވަރުން ތަމްރީނުކުރެވިފައިވެއެވެ. އަދި މިއަހަރުވެސް އިތުރު ޑައިވަރުންނަށް ތަމްރީން ދިނުމުގެ މަސައްކަތް ކުރެވެމުންދެއެވެ.
ޝިޔާމު ވިދާޅުވީ މީގެ ކުރީ އެއްވެސް ސަރުކާރަކުން މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނުކުރާ މިންވަރުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށާއި، ރައީސް ގެންދަވަނީ ދިވެހިރާއްޖޭގެ ހުރިހާ ސިނާއަތްތަކަކަށް ހެޔޮ ބަދަލުތައް ގެންނަވައި ތަފާތު ދައްކަވަމުން ކަމަށެވެ.