ENGLISH

30 އޮކްޓޯބަރު 2025

Advertisement

ހަތަރު އަތޮޅުގެ 31 ރަށަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

27 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް އަތޮޅުތެރޭގެ ރަށަކަށް ވަޑައިގަތުން --

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ މާލެ ވަޑައިގަންނަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާފައިވެ އެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި އަތޮޅުތަކުގެ އެކި ރަށްރަށުގައި، ތަރައްޤީގެ އެކި މަޝްރޫޢުތަކާއި މަސައްކަތްތައް ފައްޓަވައި، ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފަ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، އާރް.ޓީ.އެލް ފެރީ ނިޒާމުގެ ޚިދުމަތް ފެއްޓެވުމާއި، ވައިގެބަނދަރުތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ފެއްޓެވުން ހިމެނެ އެވެ. މީގެއިތުރުން، ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވި ރަށްތަކާއިއެކު، އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިފަ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމާގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކާއި، ބޭންކިންގ ގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް އަދި އާންމު ފަރުދުންނަށް ފައިދާކުރާނެ މުހިންމު ނިންމެވުންތަކެއް ވަނީ އިއުލާން ކުރައްވާފަ އެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދެއްވާ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު