ENGLISH

30 އޮކްޓޯބަރު 2025

Advertisement

އަށް ދުވަހުން 31 ރަށަށް، ރައްޔިތުން ވިދާޅުވި މަރުޙަބާއާ މެހެމާންދާރީއަށް ރައީސްގެ ޝުކުރު

27 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ތިމަރަފުއްޓަށް ވަޑައިގަތުމުން އާންމުންގެ މީހަކު ރަައީސާއެކު ސެލްފީއެއް ނަގަނީ --

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން ވިދާޅުވި މަރުޙަބާއާއި ދެއްވި މެހުމާންދާރީއަށްޓަކައި އެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށްކަމަށްވާ، ތިމަރަފުށީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މެހުމާންދާރީ އަދާކުރައްވައި އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް، ރައްޔިތުން ބޭނުންވާކަންކަން ވަރަށް ރަނގަޅަށް ހިއްސާކުރެއްވިކަމަށެވެ. މިކަމުގެ ސަބަބުން އެމަނިކުފާނު ރައްޔިތުން ގާތަށް ކުރެއްވި މި ޒިޔާރަތުގެ މަޤްޞަދު ޙާސިލުވެގެންދިޔަ ކަމަށް ވިދާޅުވި އެވެ.

މިހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޖުމުލަ 20 އެއްބަސްވުމެއްގައި ސޮއިކުރައްވައި، 31 މަޝަރޫޢެއް ފައްޓަވައި، 24 މަޝްރޫޢެއް ނިމިގެން ދިޔަކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން މި ހަތަރު އަތޮޅުގައި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ނުހުޅުވި ހުރި ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މިހާރު ވ، މ،ފ އަދި ތ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ހުރިހާ މަޝްރޫޢުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢު ކުރިއަށް ގެންދެވުނީ ތ. އަތޮޅުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޒަމާންތަކެއްވަންދެން ތަރައްޤީގެ ރާޑަރުން ކައްސާލާފައި އޮތް ކޮޅުމަޑުލު، ތަރައްޤީގެ ރާޑަރުގެ ސީދާ މެދަށް ގެނެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު