ENGLISH

30 އޮކްޓޯބަރު 2025

Advertisement

ޝާރުޖާ އަމީރުގެ އަތްޕުޅުން ދިވެހި ތާރީޚުގެ އިސްވާރަށް ޚާއްޞަ އެވޯޑެއް

26 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ޝާރުޖާ އަމީރުގެ އަތްޕުޅުން ދިވެހި ތާރީޚުގެ އިސްވާރަށް ޚާއްޞަ އެވޯޑެއް --

ދިވެހިޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ޝާރިޖާގެ އަމީރު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީގެ ފަރާތްޕުޅުން ޚާއްޞަ އެވޯޑެއް ލިބިވަޑައިގެންފި އެވެ.

ޝާރިޖާގެ އަމީރުގެ އަތްޕުޅުން ދެއްވި މި އެވޯޑު ދެއްވީ އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމެއްގެ ދަށުން، ޝާރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކުރައްވައިގެން މި މަހު 22 އިން 26 އަށް ކުރިޔަށް ގެންދަވާ ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގަ އެވެ. ޝާކިރަށް ލިބިވަޑައިގެންފައިވަނީ 2025 ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑެވެ.

ޝަރަފުވެރި ރާވީގެ އެވޯޑު ދެއްވަނީ އެ ބޭފުޅަކު ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށެވެ. ކަށިމާ އަޙްމަދު ޝާކިރު ވަނީ ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެ ގޮތުން އޭނާ ލިޔުއްވި ޤަރުނު ފޮތް ސިލްސިލާ ފާހަގަކުރެވެ އެވެ. އޭގެ އިތުރަށް އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ލިޔުއްވާފައިވެ އެވެ.

މިހާރު ޝާކިރުގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހިޤައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިތަރިކާ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީނުކުރުމާއި މުޤައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައް ކުރައްވަމުންނެވެ.

ޝާކިރު ވަނީ ޝާރިޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީޚާ ބެހޭ ހުށަހެޅުންތައް ހުށަހަޅުއްވާފަ އެވެ. އަދި ޝަރަފުވެރި ރާވީގެ މަޤާމު ލިބިވަޑައިގަތުމާ ގުޅިގެން ޝާރުޖާގެ ބައެއް ޓީވީ ޗެނަލްތަކުން ވަނީ އޭނާގެ ބަސްދީގަތުންތައް ނަގާފަ އެވެ. ޝާކިރުގެ ހުށަހެޅުންތައް ބަލައިލަން އެކި ޔުނިވަރސިޓީތަކުން ދަރިވަރުން ހާޒިރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު