ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކައިގެ ކުރީގެ އެމްޑީއާ އާއިލީ ގުޅުން އޮތް މީހުންގެ ކުންފުނިތަކަށް 31.1 މިލިއަން ރުފިޔާ ދިން

26 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދާ ގުޅުން އޮންނަ ކުންފުނިތަކަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ފެނަކައިން ދޫކުރި

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު (މައިފޫނާ)އާ އާއިލީ ގުޅުން އޮތް މީހުންގެ ކުންފުނިތަކާއެކު ގިނ އަދަދެއްގެ އެއްބަސްވުންތަކެއް ހަދައި 31.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުގެ ރިޕޯޓުން ދައްކައިފިއެވެ. 

ފެނަކައިގެ ޕްރޮކިއުމެންޓާއި މާލީ ކަންކަން ކުރިއަށްގެންދިޔަ ގޮތާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ސައީދާ ގުޅުންހުރި ކުންފުނިތަކާއެކު ޖުމްލަ 92 އެއްބަސްވުމެއް ހަދައި 49.7 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރިއެވެ. 

އަދި އެ ކުންފުނިތަކަށް ފެނަކައިން 31،124،418 (އެއްތިރީސް މިލިއަން އެއްލައްކަ ސައުވީސްހާސް ހަތަރު ސަތޭކަ އަށާރަ) ރުފިޔާ ދޫކޮށްފައިވެއެވެ. 

މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ސައީދުގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏަކާއެކު ހެދި 90 އެއްބަސްވުމާއި، ސައީދުގެ ޅިޔަނެއްގެ ދަރަިފުޅުގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހެދި ދެ އެއްބަސްވުމެކެވެ. 

މި ކުންފުނިތަކާއެކު ހެދި އެއްބަސްވުންތަކުގެ ތެރެއިން 25 އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި މަސައްކަތަކީ ވާދަވެރި ބީލަމަށް ހުޅުވާލައިގެން ހަވާލުކުރަންޖެހޭ މަސައްކަތެއް ކަމުގައިވީ ނަމަވެސް، އެ މަސައްކަތް ހަވާލުކުރީ ބީލަން އުސޫލުންނެއް ނޫނެވެ. އެ މަސައްކަތް ހަވާލުކުރީ ޑައިރެކްޓް ޕާޗޭސް ކޮމިޓީން އެ ކުންފުނިތަކާ މަސައްކަތް ހަވާލުކުރަން ނިންމައިގެންނެވެ. 

2019 ވަނަ އަހަރު އަމަލުކުރަމުން އައި އެ ކުންފުންޏަށް މުދަލާއި ހިދުމަތް ހޯދުމުގެ ގަވާއިދުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި، ސީނިއާ މެނޭޖުމެންޓުގެ ވެރިންނާއި، ޑިޕާޓުމެންޓުތަކާއި ސެކްޝަންތައް ހިންގުމާ ހަވާލުވެ ތިބޭ މީހުންނާއި، މެނޭޖަރުންނާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒު ފޯރުވިދާނެ މަގާމުތަކުގައި ތިބޭ މީހުންގެ އާއިލާ މީހުންގެ ވިޔަފާރިތަކާއި އެމީހުންގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް މުދަލާ ހިދުމަތް ހޯދަން ހަވާލުނުކުރެވޭނެ ކަމަށެވެ. 

ނަމަވެސް ފަހުން އެ ގަވާއިދު ބަދަލުކޮށް ކުންފުނީގެ ވެރިންގެ ބޭބެއިންނާއި، ދައްތައިންނާއި ޅިޔަން ފަހަރިންގެ ވިޔަފާރިތަކުން ޑިކްލެއާ ކުރުމަށްފަހު ހިދުމަތް ހޯދިދާނެ ކަމުގައި ކަނޑައެޅިއެވެ. ނަމަވެސް އެގޮތަށް ޑިކްލެއާކޮށްގެން ހިދުމަތާއި މުދާ ހޯދި ކުންފުނިތަކުގެ މައުލޫމާތު އޮޑިޓު އޮފީހާ ހިއްސާކުރަން އެދުމުން ފެނަކައިން އެ މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު