ENGLISH

30 އޮކްޓޯބަރު 2025

Advertisement

ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ އަހަރެމެންގެ ވާޖިބެއްކަން ހަނދާންކުރަންޖެހޭ: ޚުޠުބާ

26 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އިންސާނުންޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަހަރެމެންގެ ވާޖިބެއްކަން ހަނދާންކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

"ދީން ރައްކާތެރިކުރުން" މި މަޢުޟޫއަށް މިއަދު ދިން ޚުޠުބާގައި ވަނީ، މާތް ﷲ، އިންސާނުން މި ބިމުގައި ޚަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބަޔާންކޮށްދެއްވުމަށް ޓަކައި އެ މީހުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވިއިރު، މި އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީނަށް ކަމަށްވީހިނދު، ރަސޫލާ صلى الله عليه وسلم އެންމެހައި މީސްތަކުންނަށް، ﷲގެ ޙަޟްރަތުން ގެނެސް ދެއްވި ދީނަކީ ވެސް އިސްލާމްދީންކަން ހަނދާންކޮށްދީފައެވެ.

މި ދީން، އޭގެ މައްޗަށް ބިނާވެގެންވާ ދެ މަޞްދަރަކީ، މާތް ﷲގެ ކަލާމްފުޅާއި ނަބިއްޔާ صلى الله عليه وسلمގެ ސުންނަތް ކަމަށާއި، ކީރިތި ޤުރްއާނާ ނުލައި ދީން ފުރިހަމަ ނުވާ ފަދައިން ސުންނަތާ ނުލައި ވެސް ދީން ފުރިހަމަ ނުވާނެކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އެގޮތުން، އަންނަން އޮތް ޖީލުތަކަށް މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ޣައިރު ދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް  އުފައްދައި، މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަޙުދަތު ނަގައިލައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އެއަށްފަހު ޚުޠުބާގައިވަނީ، މިކަން ކަމަށް ރިޢާޔަތްކޮށް މާތްﷲ ގެ ވަޙީ ބަސްފުޅަކަށް އަލިއަޅުއްވާލައްވާފައެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. "އެއުރެން އެދެނީ، ﷲގެ نورފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި كافرން ނުރުހުނުކަމުގައި ވިޔަސް ﷲ، އެކަލާނގެ نورފުޅު ފުރިހަމަކުރައްވާހުއްޓެވެ."

އިސްލާމްކަމަކީ ﷲ تَعَالَىއަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވުން ކަމަށާއި، އަދި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ، ކިޔަމަންގަތުމާއި، ނަހީކުރައްވައިފައިވާ ކަންކަމުން ދުރުހެލިވުމުގެ އިތުރުން ޝިރުކު ކުރުމާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުން ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

އަޅުގަނޑުމެންގެ ދީނީ ޝަހުޞިއްޔަތު ދެމެހެއްޓުމަކީ ދީނީ ޝިޢާރެއް ކަމަށާއި، އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެންނެއް ނުވާނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ. އެ މީހުންގެ ދީނީ އިޙުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަޚުޞިއްޔަތު ހަލާކުވެދާނެ ކަންކަމަށްވާއިރު، މިފަދަ ކަންކަމާ ދުރުހެލިވެ، މުޝްރިކުންނާއި އަހުލު ކިތާބީންނާ ވައްތަރުވެ އުޅުން ނަބިއްޔާ صلى الله عليه وسلم މަނާކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމަށްވާއިރު، އިސްލާމް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް މަސައްކަތްކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ޙުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައިލުމަށް ކަމަށާއި، އަދި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނާކަށް އެބައިމީހުން ނުރުހޭ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އެބައިމީހުން މީސްތަކުންނަށް ވިސްނައިދެނީ މާތް ﷲގެ ޙުކުމްފުޅުތަކަކީ، ހަމައެކަނި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްކަމުގައި ކަމަށާއި، މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުން ކަމަށް ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެއިތުރުން، ޚުޠުބާގައިވަނީ، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް މަނާކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި ޝިޢާރެއް ކަމަށާއި، އެއީ އީމާންކަމުގެ މަތިވެރި ސިފަކަން ބަޔާންކޮށްދެމުން މުއުމިނުންނަކީ، ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފުސަށް ޓަކައި ދިރިއުޅޭ ބަޔެއް ނޫންކަން ހަނދާންކޮށްދީ އެ މީހުންނަކީ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން އެ މީހުންގެ އަޚުންނަށް ވެސް އެދޭ މީހުން ކަމުގައި ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތަކީ، އިސްލާމްކަމުގެ ނިޢުމަތްކަން ހަނދާންކޮށްދެމުން އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިވީ ނުވަސަތޭކަ ވަރަކަށް އަހަރު، އަހަރެމެންގެ ކާބަފައިން މި ދީން އަހަރެމެންނާ ހަމަޔަށް ގެނެސްދެއްވައިފައިވަނީ އެކި ދުވަސްވަރުގައި ދީނާ ދެކޮޅަށް ކުރެވުނު ކަންކަމުން ދީން ދިފާޢުކޮށް ޖިހާދުކޮށްގެންކަމަށާއި، އެހެންކަމުން އަންނާންއޮތް ޖީލުތަކަށް މި ދީން ފޯރުކޮށްދެވޭނީ އަހަރެމެން ޤުރުބާނީތަކެއް ވެގެން ކަމަށް ބުނެފައެވެ.

އެއީ، ކަނޑިއާއި ބަޑި ބޭނުންކޮށްގެން ދީނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ފިކުރީ ގޮތުން ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ދީން ރައްކާތެރިކުރެވޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ޖީލަކަށް ފަހު ޖީލެއް ބިނާކޮށް، ޤުރްއާނާއި ސުންނަތުގައިވާ އަމުރުތަކާއި އިރުޝާދުތަކަށް ތަބާވާ ބަޔަކު އުފަންކޮށް، މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން ބައިބައިނުވެ އެކަލާނގެ ދީނުގައި ސާބިތުވެ ތިބެގެން ކަމަށް ވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު