ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކައިގެ ކޮރަޕްޝަން؛ ބިލިއަނެއް ހަރަދުކޮށްގެން 33 މަޝްރޫއެއްގެ %50 މަސައްކަަތް ނިންމަައިނުލެވުނު

26 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާަތުގައި ރައީސް ސޯލިހު ވާހަކަދައްކަވަަނީ، ފޮޓޯ: ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަނުން ފާއިތުވި ފަސް އަހަރުގެ ދައުރުގައި މަސައްކަތްތައް ކުރިއަށްގެންދިޔަ ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓުން ހާމަަވި ކަންކަމުގެ ތެރޭގައި އެންމެ ފާހަގަކުރެވުނު އެއްކަމަކީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކުންފުނިން ކޮށްފައިވާ ބޮޑެތި ހަރަދުތަކާއި، އެއިން ނަތީޖާ ނެރެވިފައި ނެތް މިންވަރެވެ. 

އެެގޮތުން ފެނަކައިން އަމިއްލައަށް ކުރިއަށްގެންދާ ގޮތަށް ނިންމައިގެން، 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު، އައު އިންޖީނުގެއާއި އޮފީސް އިމާރާތް އެޅުމުގެ 57 މަޝްރޫއެއް ހިންގާފައިވެއެވެ. އެއީ 33 އަައު އޮފީސް އިމާރާތައި 24 އައު އިންޖީނުގެ އެޅުމުގެ މަޝްރޫއެވެ. 

މި މަޝްރޫއުުތަކަށް 1،069،248،952 (އެއްބިލިއަން ފަސްދޮޅަސްނުވަ މިލިއަން ދެލައްކަ ސާާޅީސްއަށްހާސް ނުވަސަތޭކަ ފަންސާސް ދެ) ރުފިޔާ ހަރަދުވިއިރު 2024 ވަނަ އަހަރުގެ ނިޔަލަށް މި މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވަނީ 7 އޮފީސް އިމާރާތައި 9 އިންޖީނުގެ އެޅުމުގެ މަސައްކަތެވެ. 

އެހެންކަމުން ޖުމްލަ 41 މަޝްރޫއެއްގެ މަސައްކަތް ނުނިމެއެވެ. މަސައްކަތް ނުނިމިހުރި 41 މަޝްރޫއުގެ ތެރެއިން 33 މަޝްރޫއެއްގެ 50 އިންސައްތަވެސް ނިންމައިނުލެވެއެވެ. 

މި މަޝްރޫއުތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވިއިރު، މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ގަތުމަށް 606،740،953 (ހަސަތޭކަ ހަމިލިއަން ހަތްލައްކަ ސާޅީސްހާސް ނުވަސަތޭކަ ފަންސާސް ތިން) ރުފިޔާ ހަރަދުވިއެވެ. އަދި މި މަޝްރޫއުތައް ހިންގުމަށް ނެގި މުވައްޒަފުންގެ މުސާރައަށް އިތުރު 417،327،197 (ހަތަރުސަތޭކަ ސަތާރަ މިލިއަން ތިންލައްކަ ހަތާވީސްހާސް ސަތޭކަ ނުވަދިހަ ހަތް) ރުފިޔާ ހަރަދުވިއެވެ. 

މި މަޝްރޫއުތައް މަޑުޖެހި މަސައްކަަތް ކުރިއަށްނުދިޔަސް، މަޝްރޫއުތައް ހިންގުމުގެ ނަމުގައި ވަގުތީ ގޮތުން ވަޒީފާތަކަށް ނެގި މުވައްޒަފުންނަށް ފެނަކައިން ދިޔައީ މުސާރަ ދެމުންނެވެ. 

އޮޑިޓާޖެނެރަލް އޮފީހުން ފާހަގަކުރި ގޮތުގައި ފާއިތުވި އަހަރުގެ ނިޔަލަށް އެވެރެޖުކޮށް މިއިން ކޮންމެ މަޝްރޫއަކަށް 18،758،754 (އަށާރަ މިލިއަން ހަތްލައްކަ ފަންސާސް އަށްހާސް ހަތްސަތޭކަ ފަންސާސް ހަތަރު) ރުފިޔާ ހަރަދުވިއެވެ. ފެނަކައިން އިއުލާނުކޮށްގެން އައު އޮފީސް އިމާރާތްތަކާއި އިންޖީނުގެ އެޅުމަށް އަމިއްލަ ކުންފުނިތަކުން ހުށަހަޅާފައިވާ ބީލަންތަކުގެ އަގަކީ ބާާޒާރުގެ އަގުކަމަށް ބަލާނަމަ އެވެރެޖުކޮށް މަޝްރޫއެއް ނިންމުމަށް ހަރަދުވާނީ 9،527،629 (ނުވަ މިލިއަން ފަސްލައްކަ ހަތާވީސްހާސް ހަސަތޭކަ ނަވާވީސް) ރުފިޔާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ. 

އޮޑިޓު ރިޕޯޓުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މަސައްކަަތް ނުނިމުނު ނަމަވެސް މި މަޝްރޫއުތަކަށް ހިނގި ހަރަދު ބޮޑުވުމުގެ ސަބަބުން މި މަޝްރޫއުތަކަށް ހިނގި ހަރަރު މާކެޓުގެ އަގަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވެއެވެ. 

މި މަޝްރޫއުތައް ކުރިއަށްގެންގޮސްފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން މި މަސައްކަތްތައް ނިންމުމަށް އިތުރު 241،147،138 (ދުއިސައްތަ ސާޅީސްއެއް މިލިއަން އެއްލައްކަ ސާޅިސް ހަތްހާސް، ސަތޭކަ ތިރީސްއަށް) ރުފިޔާ ހަރަދުވާނެ ކަމުގައި އޮޑިޓު އޮފީހުން އަންދާޒާާކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު