ENGLISH
30 އޮކްޓޯބަރު 2025
ގުރައިދޫ އެއަރޕޯޓު 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
26 ސެޕްޓެމްބަރު 2025
|
ރައީސް ގުރައިދޫގައި ވާހަކަފުޅު ދައްކަވަނީ --
ގުރައިދޫ އެއަރޕޯޓު، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫ އެއަރޕޯޓު ވެގެންދާނީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށާއި، އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގުރައިދޫގައި އެއަރޕޯޓެއް ބިނާކުރަމުން ދާއިރު ލާމަރުކަޒުކުރާ ޚިދުމަތްތައް އެ ރަށުން ލިބެންޖެހޭނޭކަން ފާހަގަކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި ނޮވެންބަރު މަހު އެ ރަށުގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގެދޮރު ބިނާކުރުމަށް ރަހުނަކާ ނުލައި، ތިން މިލިޔަން ރުފިޔާ އާ ހަމައަށް ފައިސާ ދޫކުރާ ލޯން ސްކީމް، ބޭންކް އޮފް މޯލްޑިވްސް އިން ދާދި އަވަހަށް ހުޅުވާލައްވާނޭ ކަމަށެވެ. އަދި ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް، އަންނަ އަހަރު ގުރައިދޫގައި ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވި އެވެ.
ރަށަށް އަމާޒުކުރެވޭ އިތުރު މަސައްކަތްތަކުގެ ތެރޭގައި، އެ އަތޮޅު ގާދިއްފުށީގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުގައި ހިމެނިގެން، ގުރައިދޫއަށް ބޭނުންވާ ހަތް ހެކްޓަރުގެ ބިންވެސް ހިއްކާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުއްޓިފައިވާ ސްކޫލްގެ މަސައްކަތް އަލުން ފައްޓަވައި، އާ ދިރާސީ އަހަރަށް މަސައްކަތް ނިންމަވައިދެއްވާނޭ ކަމަށާއި، މި އަހަރުގެ ތެރޭގައި ޒަމާނީ ކުޑަކުދިންގެ ޕާކެއްގެ މަސައްކަތް ގުރައިދޫގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.