ENGLISH
30 އޮކްޓޯބަރު 2025
ސިއްޙީ ދާއިރާއަށް ބޮޑު ބަދަލެއް: ހަތް ސަރަޙައްދެއްގައި ޑީކޮމްޕްރެޝަން ޗެމްބަރ އަދި ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކުގައި އެމްއާރްއައިގެ ޚިދުމަތް ފަށަނީ
26 ސެޕްޓެމްބަރު 2025
|
ރައީސް ގުރައިދޫގައި ވާހަކަފުޅު ދައްކަވަނީ --
މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީ ކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިޢުލާންކުރައްވައިފި އެވެ.
އެމަނިކުފާނު މި މަސައްކަތްތައް އިޢުލާންކުރައްވާފައިވަނީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރ، މާދަމާ ގުރައިދޫގައި އިފްތިތާޙު ކޮށްދެއްވާނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި، ޑީކޮމްޕްރެޝަން ޗެމްބަރ ބެހެއްޓުމަށް ވަޢުދުވެވަޑައިގެންފައިވާ ސަރަޙައްދުތައް ކަމުގައިވާ، އައްޑޫ ސިޓީ، ފުވައްމުލައް، ވިލިގިލި، ރަސްދޫ، ތިނަދޫ، އަދި މާލޭގައި ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި، މި ޗެމްބަރުތައް ބެހެއްޓޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، އެމް.އާރް.އައި ގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި، އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ޚިދުމަތް ޤާއިމު ކުރައްވާނޭ ކަމަށާއި، ހަމަ އެ މުއްދަތުގެ ތެރޭގައި، ހުރިހާ އަރބަން ސެންޓަރެއްގައި ސީ.ޓީ މެޝިން ބަހައްޓަވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި، ދަތުގެ ފަރުވާގެ އެންމެ ފުރިހަމަ ސެޓަޕްތައް ޤާއިމުކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން، ޅިދުމަތްތައް ހޯދޭނޭ މަގު ފަހިކޮށްދެއްވައި، ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރައްވައި، ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.