ENGLISH
30 އޮކްޓޯބަރު 2025
ރައީސް، ތ. ގުރައިދޫ އިސްވެރީންނާއި ބައްދަލުކުރައްވައިފި
25 ސެޕްޓެމްބަރު 2025
|
ރައީސް، ތ. ގުރައިދޫ އިސްވެރީންނާއި ބައްދަލުކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިއަދު ރަށްވެހި މާލަމްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އަންހެނުންނަށް ޚާއްޞަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ބަނދަރުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، މިހާރު ބޭނުންކުރާ ރަށުގެ ނެރު، އެހެން ތަނަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން، ރަށުގެ އިރު އުތުރުފަރާތު ގޮނޑުދޮށް ހިމާޔަތްކޮށްދެއްވުމަށާއި، ރަށުގައި އައި.ޑީ ކާޑު އަދި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދެއްވައި، ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވި އެވެ. ސްކޫލްގެ ފަރާތުން ވަނީ، ރަށު ސްކޫލުގައި ވޮކޭޝަނަލް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރަށުގެ މަސްވެރިންގެ ބައެއް ކަންބޮޑުވުންތައްވެސް ވަނީ ހިއްސާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާ ކުރައްވާފަ އެވެ.