ENGLISH
30 އޮކްޓޯބަރު 2025
ދިޔަމިގިލީ ސިއްހީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށްދޭން އެދިއްޖެ
25 ސެޕްޓެމްބަރު 2025
|
ރައީސް ދިޔަމިގިލީގެ އިސްވެރިންނާއި ބައްދަލުކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގެ ގިރާ ސަރައްހަދު ހިމާޔަތްކުރުމާއި، ކުނި ކޮށީގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މީގެއިތުރުން ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅިގެންދާއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވި އެވެ. ހަމައެއާއިއެކު ސްކޫލުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. މީގެއިތުރުން ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތް އަވަހަށް ނިންމަވައިދެއްވައި 24 ގައިޑިއިރު ޚިދުމަތްދޭ ތަނަކަށް ޞިއްޙީ މަރުކަޒު ބަދަލުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށްވެސް މެންބަރުން އެދިވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.