ENGLISH

30 އޮކްޓޯބަރު 2025

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު އަންނަ މަހު 11 ވަނަ ދުވަހު ބާއްވަން ނިންމައިފި

25 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސަރުކާރުގެ އިސް ބޭފުޅުން މީޑިއާގެ ބައެއް އިސްބޭފުޅުންނާއެކު ކުރީން ބޭއްވި ބައްދަލްވުމެއް --

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިޚާބު އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން، ބާއްވަންޖެހޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު، އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ އިންތިޚާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރަކާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރަކު އިންތިޚާބު ކުރާނެ އެވެ.

ކޮމިޝަނުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

  1. ދިވެހިރައްޔިތަކު ކަމުގައިވުން
  2. ޢުމުރުން 30 (ތިރީސް) އަހަރު ވެފައިވުން
  3. ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވާ މީހެއްކަމުގައިވުން
  4. މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
  5. ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  6. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
  7. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  8. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  9. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  10. ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  11. ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ޙިއްޞާއެއް އޮތް މީހެއް ކަމުގައި ނުވުން.   

ކޮމިޝަނުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުންތަކަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ލައިސަންސް ކާޑު އަދި ޕާސްޕޯޓާއި ޕާސްޕޯޓު ކާޑު ކަމަށާއިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސިޓީގައި ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށް ކޮމިޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު