ENGLISH
30 އޮކްޓޯބަރު 2025
ކޮޅުމަޑުލު ގުރައިދޫގެ މަގުތައް ޒަަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
25 ސެޕްޓެމްބަރު 2025
|
ކޮޅުމަޑުލު ގުރައިދޫގެ މަގުތައް ޒަަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށުން --
ތ.ގުރައިދޫގެ މަގުތައް ޒަަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި ފަށައިފިއެވެ.
ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތ.ގުރައިދޫއަށް ރައީސް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައިވެއެވެ. އެމަނިކުފާނުގެ އިސްތިގުބާލަށް ރަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ރަށުގެ ބަނދަރު ސަރަހައްދަށް ޖަމާވެ ތިއްބެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްފަހު، އެ ރަށުގައި ދެން ކުރިއަށްގެންދިޔައީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތެވެ. ރައީސް ޝަރަަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރ މޫސާ ޒަމީރެވެ.
އެ މަސައްކަތް ފައްޓަވައިދެއްވުމުގައި ޒަމީރުގެ އަރިހުގައި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހަނާން މުހައްމަދު ރަޝީދާއި އެ ރަށު ކައުންސިލުގެ ރައީސްގެ އިތުރަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމު ބައިވެރިވެވަޑައިގަތެވެ.
ރައީސް އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަަތް އަންނަނީ ފަށަމުންނެވެ. އަދި ބައެއް އައު މަޝްރޫއުތައް ހިންގުމަށް ބައެއް ކުންފުނިތަކާ ހަވާލުކޮށް ކޮންޓްރެކްޓުތަކުގައި ސޮއިކުރުމުގެ ކަންކަންވެސް ކުރިއަށްދެއެވެ.
ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތުން 2025 ވަނަަ އަހަރާއި 2026 ވަނަ އަހަރު ވާނީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ނިންމުމާއެކު، ތަރައްގީގެ އައު މަޝްރޫއުތައް ފަށައި ހަލުއި ދުވެލީގައި ކުރިއަށްގެންދާ ދެ އަހަރަށެވެ.