ENGLISH
30 އޮކްޓޯބަރު 2025
ދިޔަމިގިއްޔާއި މަޑިފުއްޓާއި އުފުރި ގުޅުވައިލާ ކޯސްވޭ 18 މަސްދުވަހުގެ ތެރޭ ނިމޭނެ: ރައީސް
25 ސެޕްޓެމްބަރު 2025
|
ދިޔަމަގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ތ.ދިޔަމިގިއްޔާއި އެ އަތޮޅު މަޑިފުށި އަދި އުފުރި ގުޅުވައިލުމަށް ތަރައްގީކުރާ ކޯސްވޭގެ މަޝްރޫއު ކުރިއަށް އޮތް 18 މަސްދުވަހުން ނިންމައިލެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ.މުޢިއްޒު މިއަދު ދިޔަމިގިއްޔަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކޯސްވޭ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައެވެ.
މި ކޯސްވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީއެވެ.
ދިޔަމިގިލީ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަަފުޅުގައި ކޯސްވޭ މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ދިޔަމިގިއްޔާއި މަޑިފުއްޓަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ޔަގީންކުރައްވާ ކަމަށެވެ.
"ސޮއިކުރެވިގެންދިޔަ ގޮތަށް، މިރަށުން ގޮސް މަޑިފުށި، މަޑިފުށިން އުފުރިއަށް ގުޅިގެންދާ ގޮތަށް ކޯސްވޭގެ މަސައްކަތް ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި، ދޮޅު އަހަރުން ނިމިގެންދާނެ. އެކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ ގުޅިގެން އެއްފަސްވެގެން ދިއުމުން ގުޅިގެންދާ ރަށްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ދިޔަމަގިލީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު އެ ރަށުގެ މަގުހެދުމުގެ މަސައްކަތް ފަށައިގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކުރެވި ހުރިހާ ކަމެއް ތައްޔާރުވެގެންދާނެ ކަމަށެވެ.
ދިޔަމިގިލީގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ރަށްގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން އެމްޓީސީސީން މޯބަލަައިޒްކޮށްފައިވާއިރު، އެ މަޝްރޫއު ނިންމާނީ އެ ރަށުގެ އިރުމަތީ ފަރަތް އެކީ ހިމާޔަތްކުރެވޭ ގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެ ރަށު މަޝްރޫއު ހުއްޓިފައި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މަސައްކަތް އަލުން ފަށައި ނިންމަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި ދިހަ ކްލާސްރޫމުގެ އެ މަޝްރޫއު ނިނިމި އޮތުމަކީ އޭ ލެވެލްއަށް ކިޔަވައިދިނުން ފަދަ ކަންކަން ފެށުމަށް އޮތް ހުރަހެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކުންފުންޏަށް ދޭންޖެހޭ ފައިސާވެސް ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އަންނަ ދިރާސީ އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއު ނިމޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އޭގެ އިތުރަށް އެ ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލުގެ މަޝްރޫއުވެސް މިހާރު އޮތީ ބަޔަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައިކަން ފާހަގަކުރައްވަމުން މި އަހަރު ތެރޭ އެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
ހަމައެހެންމެ އެ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ނުފެށި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެގޮތަށް ހުރި ގިނަ މަސައްކަތްތައް ހަވާލުކުރި ކުންފުނިތަކުން ސަރުކާރުން ފައިސާ އަދާކޮށް މަޝްރޫއު ކުރިއަށްގެންދެވޭނެ މަގުފަހިކުރުމުންވެސް ހުއްޓާލާފައި ހުރީ ކަމަށެވެ. ނަމަވެސް ދިޔަމިގިލީ ސިއްހީ މަރުކަޒުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށްގެންދިއުމަށް އެއްބަސްވެވި، އަންނަ އަހަރު ތެރޭ މަސައްކަތް ކުރިއަށްގެންގޮސް އަވަހަށް ނިމިގެންދާނެ ކަމުގައި އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިޔަމިގިލީގައި އެކި ދާއިރާތަކުން ހިންގަން ހުރި މުހިއްމު އެކި މަޝްރޫއުތަކުގެ ތަފުސީލު ދެއްވައި ގިނަ މަސައްކަަތްތަކެއް މި އަހަރާއި އަންނަ އަހަރު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިިކުފާނުވަނީ ދެއްވާފައެވެ.