ENGLISH

30 އޮކްޓޯބަރު 2025

Advertisement

ކިނބިދޫ ބިން ހިއްކުން؛ ވައުދު ފުއްދަވާނެ ކަމުގެ އަލިގަދަ ހެއްކެއް

25 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކިނބިދޫގައި ހިއްކާފައިވާ 25 ހެކްޓަރުގެ ބިން ރައީސް ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް

ތ.ކިނބިދޫއަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަމާއި އެނޫންވެސް ތަރައްގީގެ މަސައްކަަތްތައް ހިންގުމަށް ބޭނުންވާ ބިމުގެ ޖާގަ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ވައުދުފުޅުތައް ފުއްދެވުމުގެ މަސައްކަތްތައް ފެއްޓެވިއެވެ. އެ މަސައްކަތުގެ ތެރެއިން ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު ފެށިގެންދިޔައީ 2024 ވަނަ އަހަރުގެ އޭޕްރީލު މަަހުގައެވެ. މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ. 

އޭޕްރީލް 15، 2024 ވަނަ ދުވަހު ފެށި މަސައްކަތް މާޗު 24، 2025 ވަނަަ ދުވަހަށް އެމްޓީސީސީން ނިންމައިލިއެވެ. އެއާއެކު ކިނބިދޫގެ ބިމަށް އިތުރު 25 ހެކްޓަރު އިތުރުވީއެވެ. އެ ބިން ހިއްކައި ނިމުމާއެކު މިހާރު ކުރިއަށްދަނީ އެ ބިން ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. 

ތ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ކިނބިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކިނބިދޫގައި ހިއްކާފައިވާ ބިން ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަން ފުރިހަމަކުރުމަށް ބޭނުންކުރުމަށް ކުރިއަށް އޮތް އަހަރުތަކުގައި އެބިމުގައި ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެ ކަމަށެވެ. 

ކިނބިދޫއާއި އެ އަތޮޅު ވޭމަންޑޫ ކޯސްވޭއަކުން ގުޅުވައިދެއްވަން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އެ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިއަދުވެސް ރައީސް ދެއްވިއެވެ.

އެ މަސައްކަތް ކުރަން ނިންމާފައިވަނީ އިންވެސްޓަރެއް މެދުވެރިކޮށެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ހިންގަން ހުޅުވައިލާ ގިނަ ލުއިތަކެއް ސަރުކާރުން ދޭ ގޮތަށް ނިންމައި، އެ މަޝްރޫއުގެ ތެރެއިން ކޯސްވޭ މަސައްކަަތް ހަމަޖައްސަން ނިންމަވައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލާފައެވެ. 

ކޯސްވޭއާއެކު ކިނބިދޫއާއި ވޭމަންޑޫއަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ހަބަކަށްވާނެއެވެ. ރައީސް މިއަދު ފާހަގަކުރެއްވީ ކިނބިދޫގައި ހިއްކާފައިވާ ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި އެނޫންވެސް ތަަރައްގީގެ މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ. 

އަދި ކިނބިދޫއާއި ވޭމަންޑޫ ކޯސްވޭ މަސައްކަތް ނިމުމުން، ދެ ރަށަށްވެސް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީގެ ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކޯސްވޭއަކީ 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ދައުރު ނިމުނުއިރު އެ މަސައްކަތް އޮތީ ކަރުދާހުގައި މަސައްކަތް ކުރެވޭނެ މަގެއް ފަހިނުކުރެވި ކުލަނުވި ހުވަފެނެއްގެ ގޮތުގައެވެ. 

ކިނބިދޫއަށް އިތުރުކުރެވިފައިވާ 25 ހެކްޓަރުގެ ބިން ހެކިދެނީ އެންމެ ކަމަކަށެވެ. އެއީ ރައީސް ޑރ.މުޢިއްޒު ވެވަޑައިގަންނަވާ ވައުދުފުޅު ފުއްދަވާނެ ކަމެވެ. ފުރަތަމަ ބިން ހިއްކުމެވެ. ދެން މާތްﷲގެ ތަނަވަސް ރަހުމަތްފުޅުން ކޯސްވޭއެވެ. އަދި ކިނބިދޫ ނޫން ރަށްރަށުގައި ފެށެމުންދާ މަޝްރޫއުތައްވެސް ކިނބިދޫ ބިން ހިއްކުމެކޭ އެއްފަދައިން ކުރިއަށްގެންގޮސް ނިންމަވާނެކަމުގެ މައްޗަށް އެ ބިން ހެކިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު