ENGLISH
01 ނޮވެމްބަރު 2025
ކިނބިދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށް، ތިން މަޝްރޫޢެއްގެ މަސައްކަތް ފަށައިފި
25 ސެޕްޓެމްބަރު 2025
|
ކިނބިދޫ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. ކިނބިދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، މުހިއްމު ތިން މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
ކިނބިދޫގައި އޭޓީއެމްގެ ޚިދުމަތް ފެށިއިރު، އެރަށުގައި އަލަށް ކުރިއަށްގެންދަނީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން އެރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތެވެ.
ކިނބިދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ބީއެމްއެލްއާ ގުޅިގެން ފަށާފައިވާ މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި އެ ޚިދުމަތް ވަނީ ފަށައިފައެވެ.
ކިނބިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. އެމަސައްކަތް ކުރާނީ ފެނަކާ ކޯޕަރޭޝަނުންނެވެ.
މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ގއ، ވ، ފ އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައެވެ.
ކިނބިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ އަމަލީ މަސައްކަތް ފެށުން، ފޮޓޯ: ރައީސް އޮފީސް
ކިނބިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، އެ މަޝްރޫޢު ކުރިއަށްގެންދާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
އާރުޑީސީއިން ކިނބިދޫގެ މަގުތައް ތަރައްޤީކުރާނީ ތާރު އަޅައިގެންނެވެ.
ރާއްޖޭގެ ރަށްތަކުގައި ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތުގެ އަމަލީ މަސައްކަތް ވެސް ކިނބިދޫގައި ވަނީ ފަށައިފައެވެ. އެމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ ސަރުކާރުން އެރަށުގެ ހިއްކި ބިން ސަރަޙައްދު ބައްލަވާލައްވައިފައެވެ. ސަރުކާރުން މިދިޔަ އަހަރު ކިނބިދޫގެ ބިމަށް އިތުރުކުރީ 25 ހެކްޓަރެވެ.
ކިނބިދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލުކުރައްވާ މެންބަރު ޢަލީ އަޝްރަގް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މަސައްކަތް ޙަވާލުވި ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިނބިދޫއަކީ އާބާދީގައި ގާތްގަނޑަކަށް 1500 މީހުން ދިރިއުޅެމުންދާ ރަށެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށަށް ބޭނުންވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.