ENGLISH
02 ފެބްރުއަރީ 2026
ސަރުކާރުން 50 ރަށަށް ބޭނުންވާ އެމްބިއުލާންސް ގެންނަނީ
25 ސެޕްޓެމްބަރު 2025
|
ކުރިން ރަށްރަށަށް ފޮނުވަން ގެނައި އެމްބިއުލާންސްތަކެއް
ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ބަލިމީހުން ސިއްހީ ފަރުވާ ދޭ މަރުކަޒުތަކާ ހަމައަށް ގެންދިއުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. ބައެއްފަހަރު ރަށު ޕިކަޕުގައި އަނެއް ބައި ފަހަރު ގާޑިޔަލުގައި ބަލިމީހުން އުފުލަންޖެހި އެކަން މީސްމީޑިޔާއަށް ތިލަވެ، ރައްޔިތުން ކަންބޮޑުވުންތަކާއި އުދާސްތައް އޮއްސައިލައެވެ.
މި މައްސަލަ މިހާ ބޮޑުވުމަށް މެދުވެރިވި އެއް ސަބަބަކީ ކުރިން ގެނެސް ރަށްރަށަށް ފޯރުކޮށްދީފައި ހުރި އެމްބިއުލާންސްތައް ނުބެލެހެއްޓުމެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތަކުގެ އިމާރާތްތައް ފަރުމާކުރާއިރު އެތަންތަނުގައި އެމްބިއުލާންސް ފަދަ އުޅަނދުތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ގޮތެއް ހިމަނާފައި ނެތުމެވެ. ނަތީޖާއެއްގެ ގޮތުން އެމްބިއުލާންސްތައް ގިނަ ރަށްރަށުގައި ބަހައްޓަނީ ހާމައަށް ވެހޭހައި ވާރޭއަކާއި ދޭހައި އައްވަކުން އަސަރުކުރާ ގޮތަށެވެ.
އޭގެ އިތުރަށް އެމްބިއުލާންސް ނުލިބޭ ރަށްތައްވެސް މަދެއް ނޫނެވެ. އެއްވެސް ސަރުކާރަކުން އެމްބިއުލާންސް ފޯރުކޮށްދީފައި ނެތް ރަށްރަށް އެބަހުއްޓެވެ. އެއީ މިހާރުން މިހާރަށް އެމްބިއުލާންސް ލިބެންޖެހިފައި ހުރި ތަންތަނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ މިފަދަ އެކި މައްސަލަތައް ހައްލުކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން އެމްބިއުލާންސް ނެތުމުގެ މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު މިއަދު ތ.އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ހިއްސާކުރެއްވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ ފަންސާސް ވަރަކަށް ރަށަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެ އެމްބިއުލާންސްތައް ގެނެވި އެމްބިއުލާންސް ފޯރުކޮށްދޭންޖެހޭ ރަށްތަކަށް ފޮނުވައިދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަގެންނަން ވަރަށް ބައިވަރު އެމްބިއުލާންސް. ފަންސާހަކަށް ރަށަށް ބޭނުންވާ އެމްބިއުލާންސް އަޅުގަނޑުމެން އެބަގެންނަން. މި އަހަރު ތެރޭ ރާއްޖެއަށް ލިބޭނެ. މިހާރު ދަނީ ގެނައުމުގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ ތ.އޮމަދޫއަށް އެ އެމްބިއުލާންސްތަކުގެ ތެރެއިން އެމްބިއުލާންސްއެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ސިއްހީ ހިދުމަތް ފުޅާކުރެއްވުމަށް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަތޮޅު ތެރެއިން ކުރިން ނުލިބޭ ބައެއް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގައި ގާއިމުކުރެވިފައިވާ ސިއްހީ ދާއިރާގެ ބިނާރުތައް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.