ENGLISH

02 ފެބްރުއަރީ 2026

Advertisement

އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

25 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އާރުޑީސީ

ތ. އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްފިއެވެ. 

އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައެވެ. 

އޮމަދޫ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އެވެ. 

ސަރުކާރުގެ މަގު ހެދުމުގެ މަޝްރޫޢުތައް ގިނަ ރަށްތަކެއްގައި އާރުޑީސީން އަންނަނީ ހިންގަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އޮމަދޫއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. 

ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށަށް އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އެ މަޝްރޫޢު ހިންގަން ހަވާލުވި އަމިއްލަ ކުންފުންޏަކުން ކަމަށާއި، މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ ފަރާތުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ޙަވާލުކޮށްފައިވާނެ ކަމަށެވެ. 

އޮމަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމޭއިރު، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ. 

އެ މަސައްކަތް ލަސްވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަމިއްލަ ކުންފުނިން މަސައްކަތް ނުކުރާނަމަ އެއްބަސްވުން ބާޠިލުކުރައްވާނެ ކަމަށެވެ. 

ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކާއި ބައްދަލުކުރައްވައި، އޮމަދޫއަށް ބޭނުންވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވ، ފ، މ. އަދި ތ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، އެ އަތޮޅުތަކުގައި މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަންނަވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު