ENGLISH

01 ނޮވެމްބަރު 2025

Advertisement

އޮމަދޫ ފެނާއި ނަރުދަމާ ހަވާލުކޮށްފައިވާ ކުންފުނިން މަސައްކަތް ނުކުރަންވީ ސަބަބެއް މިހާރު ނޯންނާނެ: ރައީސް

25 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވަައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ތ.އޮމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރި ކުންފުނިން މަސައްކަތް ނުކޮށް ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްްޒު ވިދާޅުވެއްޖެއެވެ. 

ހަތަރު އަތޮޅަކަށް ކުރައްވަަމުންދަ ދަތުރުފުޅުގެ ތެރެއިން މިއަދު ތ.އޮމަދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވީ އެ ރަށުގެ ރައްޔިތުންނަަށް އެންމެ ބޮޑުވެފައި އޮތް މައްސަލައަކީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ލަސްވެފައި އޮތުން ކަމަށެވެ. 

އެމަނިކުފާނު އެންމެ ފަހުން އެ ރަށަށް ވަޑައިގެންނެވިއިރު އެ މަސައްކަަތް އޮތް މިންވަރަށްވުރެ އިތުރަށް މަސައްކަަތް ކުރިއަށްނުގޮސް މަޑުޖެހިފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްކުރާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައިވާނެ ކަމަށެވެ. އަދި އެ މަސައްކަަތް ކުރިއަށްނުގެންގޮސް މަޑުޖެހިފައި އޮންނަންޖެހޭ އެއްވެސް ސަބަބެއް މިހާރު ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. 

"މި މަޝްރޫއު ހިންގަނީ އަމިއްލަ ކުންފުންޏަކުން. އެފަރާތަށް މިވީ ދުވަސްތަކުގައި ހުރިހާ ފައިސާއެއް ދެވި، ޕެންޑިން އެއްވެސް ބިލެއް ނޯންނާނެ. އެއްވެސް ވަރަކަށް މަސައްކަތް ނުކޮށް ތިބެންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ. 

އަދި ސަރުކާރުން މަސައްކަތްކުރަނީ އެ ކުންފުންފުންޏާއެކު ކުރިއަށްގެންގޮސް މަސައްކަަތްތައް ނިންމައިލުމަށް ކަމަށާއި، ނަމަވެސް އެ ފަރާތުން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާނަމަ ގާނޫނުގައިވާ އުސޫލުތަކުގެ ތެރެއިން އެއްބަސްވުން ބާތިލުކޮށް އެހެން ގޮތަކުން މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

"އެހެންވީމާ ފައިސާ ދެވި ކަންކަން ކުރެވޭނެ ގޮތް ހަދައިދެވިފައިވާނީ. އަޅުގަނޑުމެން މިބަލަނީ އެގްރިމެންޓު ބާތިލުނުކޮށް މަސައްކަތްކޮށް ނިންމޭނެ ގޮތެއް ހެދޭތޯ. އެގޮތަށް މަސައްކަތްނުކުރެވޭނަމަ ގާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން އެގްރިމެންޓު ނިމުމަކަށް ގެނެސްގެންވިޔަސް އެހެން ރަނގަޅު ކުންފުންޏަކާ ހަވާލުކޮށްގެން ކަމުގައިވީ ނަމަވެސް މަސައްކަތް ނިންމާނަން،" ރައީސް ވިދާޅުވިއެވެ. 

އޮމަދޫ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ފަށާފައިވާ އިމާރާތުގެ މަސައްކަތްވެސް އޮތީ ހުއްޓިފައިކަން ފާހަގަަކުރައްވަމުން ރައީސް ވިދާޅުވީ ކުރިން މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ހުއްޓައިލުމާ ގުޅިގެން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ފަށައި އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން އެ މަސައްކަަތް ނިންމައިދެއްވާނެ ކަމަށެވެ. 

މިއަދު އޮމަދޫ ރައްޔިތުންނާ ރައީސް ބޭއްވެވި ބައްދަލުވުމުގައި އެ ރަށުގެ މަގުހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ރަައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވުމާއެކު މަގު ހެދުމުގެ މަސައްކަތް ފަށައި ހަލުއިކޮށް ނިމިގެންދާނެ ކަމަށެވެ. 

ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށް، ލައިޓު ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަންނަ އަހަރުގެ ކުރީ ކޮޅުގައި ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގައި ވައުދުވެވަޑައިގަތުމާއެކު، އަންނަ އަހަރު އެ ރަށުގައި އައު މިސްކިތެއްވެސް ބިނާކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

އަދި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށަށް އައު އެމްބިއުލަންސްއެއް ލިބިގެންދާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެ ރަށުގެ ސިއްހީ މަރުކަަޒަށް ޖާގަ އިތުރުކުރުމުގެ މަޝްރޫއެއް ހިންގަވާނެ ކަމުގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު