ENGLISH
01 ނޮވެމްބަރު 2025
ވޭމަންޑޫގައި ކުނި މެނޭޖްކުރާ މަރުކަޒާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
25 ސެޕްޓެމްބަރު 2025
|
ވޭމަންޑޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ކުނި މެނޭޖްކުރާ ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު ހެނދުނު އަޅައިފިއެވެ.
އެ ދެ ރަސްމިއްޔާތު ވެސް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ވޭމަންޑޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިހުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރު އަދި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭމަންޑޫގައި ހުންނަވައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ގދ، ވ، ފ އަދި ކ. އަތޮޅު (ގްރޭޓާ މާލޭ ސަރަހައްދު ނުހިމަނައި) ގެ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ. އެ އަތޮޅުތަކުގައި ޚިދުމަތް ފަށާފައިވާ ގޮތުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމާއެކު އަވައްޓެރި ފުލުހުންގެ ދައުރު ބޮޑުކުރައްވާނެ ކަމަށެވެ.
ވޭމަންޑޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރު އެވެ. އަރިހުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ދާއިރާގެ މަޖިލީސް މެންބަރު އަދި ވޭމަންޑޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭމަންޑޫގައި ތަރައްގީކުރާ ކުނި މެނޭޖްކުރާ ސެންޓަރާއެކު އެރަށުގައި ވެމްކޯއިން އެ ޚިދުމަތް ފަށާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި، ރޭ ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި ޖަލްސާގައި ވަނީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ވޭމަންޑޫއަށް އިތުރުކުރަނީ 25 ހެކްޓަރުގެ ބިމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ވޭމަންޑޫ އާއި ކިނބިދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް ކުރައްވާނީ ޓޫރިޒަމަށް ފައްކާކުރެވޭ ގޮތަށް ކަމަށެވެ. ކޯޒްވޭގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބީލަމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.