ENGLISH
01 ނޮވެމްބަރު 2025
ރައީސް، ވޭމަންޑޫ އިސްވެރީންނާއި ބައްދަލުކުރައްވައިފި
24 ސެޕްޓެމްބަރު 2025
|
ރައީސް ވޭމަންޑޫ ކައުންސިލާއި ބައްދަލު ކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ވޭމަންޑޫ ސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ އެވެ. މި ގޮތުން ކައުންސިލުން ވަނީ ރަށުގައި ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، މިހާރު ރަށުގައި ހިނގަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ހަމައެއާއިއެކު މިސްކިތުގެ މަސައްކަތް އަވަސް ކޮށްދެއްވައި، ރަށުގެ މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވި އެވެ. އަދި ސްކޫލުގެ ފަރާތުންވަނީ، ސުކޫލުގެ ޖާގައިގެ މައްސަލައާއި، ކުޅިވަރު ކުޅޭނެ ރަނގަޅު ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.