ENGLISH
01 ނޮވެމްބަރު 2025
ތ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ރައީސް ފައްޓަވާދެއްވައިފި
24 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ.
ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ތ. އަތޮޅު ވޭމަންޑޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އާރްޓީއެލް ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒެވެ.
ރައީސް މިރޭ ވޭމަންޑޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަރަަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ތ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފައްޓަވައިދެއްވުމާއެކު މިހާރު ރާއްޖޭގެ 13 އަތޮޅަކުން އާރްޓީއެލް ޚިދުމަތް ލިބޭނެއެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލް ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ ފެރީތައް ބަދެ އަތޮޅުތަކުގައި ފެރީ ވިއުގަ ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ޓްްރާންސްޕޯޓު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
މި އަހަރުގެ ޖޫން މަހު ރ. އަތޮޅުގައި އަދި ޖުލައި މަހު ބ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށާފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ޚިދުމަތް އިތުރު އަތޮޅުތަކުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.