ENGLISH
01 ނޮވެމްބަރު 2025
ދޯނީގައި ފިނިކުރާ ނިޒާމު ހަރުކުރަން އިތުރު 200 ފަރާތަކަށް މި އަހަރު ލޯނު ދޫކުރަނީ
24 ސެޕްޓެމްބަރު 2025
|
ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ދޯނީގައި ގަޑުފެން އުފައްދާ ނިޒާމު ހަރުކުރުމަށް އޮޑިވެރިންނަށް އެހީތެރިވުމަށް ސަރުކާރުން ފަށާފައިވާ ލޯނު ސްކީމުގެ ތެރެއިން މި އަހަރު އިތުރު 200 ފަރާތަކަށް ލޯނު ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ތ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހިރިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ދޯނީގައި ގަޑުފެން އުފައްދާ ނިޒާމު ގާއިމުކުރުމަށް ލޯނު ދޫކުރަން ފެށި މަޝްރޫއުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ލޯނު ހަމަޖެހުނީ ހިރިލަންދޫ އޮޑިވެރިންނަށެވެ.
އެ ސްކީމުގެ ދަށުން އިތުރު ލޯނުތައް ދޫކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މި އަހަރު ތެރޭގައި ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިން އިތުރު 200 ފަރާތަށް އާރްއެސްޑަބްލިއު ލޯނު ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ. އެއިރުން ޖުމްލަ 300 އެއްހައި ފަރާތަށް އެ ލޯނު ދޫކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އާރްއެސްޑަބްލިއު ނިޒާމަކީ އައިސް ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ލިބޭ ނިޒާމެކެވެ. އަދި އެނިޒާމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްވަނީ ހިރިލަންދޫއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ މުހިއްމު ފުއްދަވާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވުމާއެކު، އެ ވައުދުފުޅުތައް ފުއްދެވުމުގެ އަމަލީ މަސައްކަތް ފަށައިގަނެވޭނެ ތާރީހުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު އެ ރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދުފުޅު ކަމުގައިވާ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާނެ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހިރިލަންދޫގެ ސިނާއީ މަސައްކަތްތަކާއި ބޯހިޔާވަހިކަމަށް ބިން ހިއްކަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބިން އިތުރުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަމަށާއި، މަޝްރޫއު ފެށޭނެ ތާރީހެއް ވިދާޅުނުވި ނަމަވެސް އެ މަޝްރޫއު ވީހާވެސް އަވަހަަށް މި ދައުރުގެ ތެރޭގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބަނދަރު އިތުރަށް ތަރައްގީކޮށް އަޕްގްރޭޑުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އެ މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.