ENGLISH
01 ނޮވެމްބަރު 2025
އެސްޓީއޯއިން މިރުސް ވިއްކާނީ ކަނޑޫދޫ ވިޔަފާރިވެރީންނަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް: ރައީސް
24 ސެޕްޓެމްބަރު 2025
|
ރައީސް ކަނޑޫދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވަނީ --
އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ކަނޑޫދޫއަކީ ރާއްޖޭގެ ދަނޑުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސް ވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީން ކަންދެއްވާފަ އެވެ. ރަށުގެ ދަނޑުވެރިންނަށް ލިބޭފައިދާ އިތުރުކޮށްދިނުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޚަރަދުކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރު ހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު، ކުރުމުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާގޮތާއި، އެމަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވާފަ އެވެ. އެމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމްޑަބްލިޔުއެސްސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށް ގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއްނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރަށު ސްކޫލްގެ އުމުރާނީ މަސައްކަތާއި، ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭދަނޑުތަކާއި ވަސީލަތްތައް ނިންމައި، އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.
ހުރިހާ ރަށެގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަނޑޫދޫއަށް ލުއިފަސޭހަގޮތެއްގައި ދަތުރުކުރެވޭނެ ގޮތަކަށް، މިރޭ އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި، ކަނޑޫދޫ ބަނދަރުގައި ވަކި ޖެޓީއެއް ގާއިމުކުރުމުގެ މަޝްރޫޢާއި، ބިންހިއްކުމުގެ މަޝްރޫޢުގެ އިތުރުން ރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.