ENGLISH

01 ނޮވެމްބަރު 2025

Advertisement

ކަނޑޫދޫގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަވަސްކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

24 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ތ.ކަނޑޫދޫގައި ހިންގަން ފަށަައި މަޑުޖެހި ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ހަލުއިކޮށް އަވަހަށް ނިންމުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ހަތަރު އަތޮޅަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތ.އަތޮޅުގެ މީހުން ދިރުއުޅޭ ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި މިއަދު ކަނޑޫދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ވިދާޅުވީ ކަނޑޫދޫގައި ހިންގަަން ހުރި މަޝްރޫއުތަކުގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ އިތުރަށް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފަށައި ވަކި ވަރަކަށް ކުރިއަށްގެންދެވުމަށްފަހު މަޑުޖެހިފައި ހުރި މަޝްރޫއުތައް ހުރިކަމަށެވެ. އޭގެ ތެރެއިން އެންމެ އުދަގޫވާ މަޝްރޫއަކީ ފެނާއި ނަރުދަމާގެ މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރި ކުންފުންޏާ އެހެން ވަރަށް ގިނަ ރަށްރަށުގެ މަސައްކަތްވެސް ހަވާލުކުރިކަމަށާއި، އެ މަސައްކަތްތައް ނިމުނު އަހަރު ކުރީކޮޅުގައި އަދި ބައެއް ރަށްރަށުގައި އަހަރު ނިމުނުއިރުވެސް މަސައްކަތް ހުރީ ކުރިއަށްނުގޮސް މަޑުޖެހިފައި ކަމށް ރައީސް ވިދާޅުވިއެވެ. 

އެގޮތަށް މަޑުޖެހިފައި ހުރި މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުން ފައިސާ ނުދެވިގެން މަޑުޖެހުނު މަޝްރޫއުތައް ހިމެނޭކަމަށާއި، އެއިން ބައެއް މަޝްރޫއުތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ބައެއް ރަށްރަށުގެ މަސައްކަތް އަލުން ފަށައި ނިމުމަކާ ހަމައަށް މިހާރު ގެންދެވިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކަނޑޫދޫގައިވެސް އެންމެ ފުރަތަމަ މަސައްކަތްކުރީ އެ ކުންފުންޏާއެކު މަސައްކަތްކޮށްގެން މަޝްރޫއު ނިންމުމަށް ކަމަށެވެ. ނަމަވެސް ރައީސްގެ ދަތުރުފުޅުގައި އެ ކުންފުނިން ސަރުކާރާ ރައީސް އޮފީހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި މަސައްކަތް ގޮސްފައިވާ ހިސާބުކަމަށް ބަޔާންކުރި މިންވަރާއި، މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު ވަރަށް ތަފާތު ކަމަށެވެ. 

"ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއަށްވެސް ރައީސް އޮފީހަށްވެސް މައުލޫމާތު ލިބިފައި އޮތީ 96 ޕަސެންޓް މަސައްކަަތް ނިމިފައިވާކަމަށް. އެހެންވީމާ އަޅުގަނޑުމެން ބެލީ އެމީހުން ލައްވައި މަސައްކަތް ނިންމައި ކޮމިޝަން ކުރަން. އެހެންނަމަވެސް މިއަދު އެނގިގެން ހިނގައްޖެ އައުމުން އެއަށްވުރެ މާ ބޮޑަށް ފަހަތުގައި ކަން އުޅެނީ،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެ މަޝްރޫއު އިތުރަށް ކުރިއަށްގެންދާނެ ގޮތަކާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އެގޮތުން އެއްބަސްވުން ބާތިލުކޮށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މަސައްކަތް ނިންމުން ނުވަތަ މިހާރުވެސް މަސައްކަތްކުރާ ކުންފުނި މެދުވެރިކޮށް މަސައްކަތް ނިންމުމުގެ ތެރެއިން ގޮތެއް ވަރަަށް އަވަހަށް އިހުތިޔާރުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. 

ދެވަނަ މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރެއްވީ ސިއްހީ މަރުކަޒެވެ. އެ މަސައްކަަތް ކޮންޓްރެކްޓަރު ލައްވައި ކުރިއަށްގެންދަވަން މަސައްކަތްކުރެއްވި ނަމަވެސް އެކަން ނުކުރެއްވުނު ކަމަށް ވިދާޅާުވެ ރައީސް ފާހަގަކުރެއްވީ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި ދިމާވީ ފައިސާ ދިނުމުގެ މައްސަލައެއް ނޫން ކަމެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ ގިނަ ފަހަރަށް ދީފައިވާއިރު ބައެއް މަސައްކަތްތަކަށް ދޭންޖެހޭ މިންވަރަށްވުރެ އިތުރަށްވެސް ކުރީ ސަރުކާރުން ފައިސާ ދޫކޮށްފައި އެބަހުރި ކަމަށެވެ. 

އެ މަސައްކަތް ނުކުރެވި ދިގުލައިގެންދިއުމުން އެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކޮށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން މިހާރު ނިންމަވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިން މަސައްކަަތް ކުރަން ރާވާފައި އޮތް މިންވަރަށްވުރެ ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ނަގާނީ ގިނަވެގެން ހަތަރު މަސްކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް އެ ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވަށާ ފާރާއި ސްޓާފް ރޫމާއި ކްލާސް ރޫމުތައް ހިމެނޭ ގޮތަށް އައު އިމާރާތެއް ބިނާކުރުމުގެ މަޝްރޫއެއް މި އަހަރު ތެރޭގައި ހިންގުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު