ENGLISH
01 ނޮވެމްބަރު 2025
ކަނޑޫދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި
24 ސެޕްޓެމްބަރު 2025
|
ކަނޑޫދޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތ. ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ.
ކަނޑޫދޫއަށް ވަޑައިގެން އެ ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ކަނޑޫދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އަހަރު ނިމުމުގެ ކުރިން އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.
ކަނޑޫދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުން. ފޮޓޯ: ރައީސް އޮފީސް
ކަނޑޫދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިހުގެ އިތުރުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރާއި ރައްޔިތުންގެ މަޖިލީހުގެ ކަނޑޫދޫ ނިސްބަތްވާ ދާއިރާގެ މެންބަރު އަދި ރަށު ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
ކަނޑޫދޫގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ކަނޑޫދޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ވަޑައިގެންނެވީ ދާއިރާގެ މަޖިލިސް މެންބަރާއި އެ މަސައްކަތް ހަވާލުވި އާރުސީސީއިން އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
ކަނޑޫދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ކަނޑޫދޫގައި އަލަށް ބިންގާ އެޅި ދެ މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކެކެވެ. އެގޮތުން ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ފެށުމާއެކު، ކުރިއަށް އޮތް އަހަރުތަކުގައި އެ އިމާރާތްތައް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
ކައުންސިލް އިދާރާތައް ބާވެފައިވާ ރަށްތަކާއި، އާ އިމާރާތެއް ނެތް ރަށްތަކުގައި ވެސް ސަރުކާރުން އަންނަނީ ކައުންސިލް އިމާރާތްތައް ތަރައްޤީކުރަމުންނެވެ. އޭގެތެރެއިން ބައެއް ރަށްރަށުގައި ކައުންސިލް އިދާރާތައް އިމާރާތްކުރަނީ އާރުސީސީންނެވެ.
އާބާދީގައި ގާތްގަނޑަކަށް 750 އެއްހާ މީހުން ދިރިއުޅޭ ކަނޑޫދޫގައި އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި އެރަށުގައި ކުރިއަށް ގެންދިއުމަށް ސޮއިކުރި ތިން މަޝްރޫޢަކީ އެރަށުގެ ބިން ހިއްކުމާއި، ވަކި ޖެޓީއަކާއެކު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި އެރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަޝްރޫއެވެ.
ރައީސުލްޖުމްހުރިއްޔާ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަންނަވާނެއެވެ. މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވ، ފ، އަދި މ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. ދަތުރުގެ ފަހު އަތޮޅުގެ ގޮތުގައި ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ.