ENGLISH
01 ނޮވެމްބަރު 2025
ލޫޓުވާލައިފި؛ ކާކު، ކޯއްޗެއް، ކިހިނެއް؟
24 ސެޕްޓެމްބަރު 2025
|
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން، ފޮޓޯ: ގޫގްލް
އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިންވަނަ ދުވަހު ބޮޑު ސިޔާސީ އެއްވުމެއް ބާއްވަނީއެވެ. މައިގަނޑު ސުރުހީއަކީ "ލޫޓުވާލައިފި" އެވެ. ވަޅުޖެހި އިންދިރާސްވެފައި އޮތް އެމްޑީޕީއަށް ދިރުމެއް ގެނެވޭތޯ އެ ޕާޓީގެ ލީޑާޝިޕުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ މި އެއްވުން އިޝްތިހާރުކޮށް، މީހުން އެއްކުރުމަށް ގިނަ މަސައްކަތްތަކެއް އެމްޑީޕީން އަންނަނީ ކުރަމުންނެވެ. ސަރުކާރަށް ފާޑުކިޔައި، އިސްލާހުކުރާނެ ކަމެއް އޮތްނަމަ އެކަމެއް އިސްލާހުކުރެވޭނެ މިހާރަށްވުރެ ރަނގަޅަށް ކުރެވޭނެ ކަމަކީ ކޮބައިކަން ބަޔާންކޮށްދިނުމުގެ ބަދަލުގައި ދޮގު ތުހުމަތުތަކެއް ސަރުކާރުގެ ބޮލުގައި އަޅުވައި ރައްޔިތުން ޖަޒުބާތުގައި ޖައްސައިގެން ތާއީދު އިތުރުކުރެވޭތޯ އެމްޑީޕީން މަރުފަލިޖަހަމުންދާއިރު، އުފެދޭ ސުވާލަކީ އެ ޕާޓީން މިކިޔާ ލޫޓުވައިލުމަކީ ކޮބައިތޯއެވެ؟ މިއުޅެނީ ކާކު ކޯއްޗެއް ކިހިނެއް ލޫޓުވާލައިގެންތޯއެވެ؟
މި ސުވާލުތަކުގެ ޖަވާބު ވަރަށް ފަސޭހައިން ލިބޭނެއެވެ. ބަލައިލަންޖެހެނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހުގެ ކުރިން ފާއިތުވި ފަސް އަހަރަށެވެ. އެ ފަސް އަހަރު ކަންކަން ހިނގި ގޮތަށެވެ. އެއިރުން އެމްޑީޕީން އެކިޔާ ލޫޓުވައިލުމަކީ ކޮބައިކަމާއި، ލޫޓުވައިލި ބަޔަކާއި،އެކަން ކުރި ގޮތްވެސް ސާފުވާނެއެވެ.
އެމްޑީޕީ ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ މާލީ ހާލަތު ރަނގަޅެވެ. ދުނިޔޭގެ އިގުތިސާދަށްވެސް ބޮޑު ގޮންޖެހުމެއް ލޮޅުމެއް ނެތެވެ. މިދެންނެވީ 2018 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އޮތް ހާލަތެވެ. އެމްޑީޕީގެ ވެރިކަމުގައި ކަމެއް ގޯސްކޮށް ހިނގިނަމަ އެކަމެއްގައި ބަހަނާއެއްގެ ގޮތުގައި ބޭނުންކުރާ ކޮވިޑް-19ގެ އާލަމީ ވަބާ ފެށުނީ 2019 ވަނަ އަހަރުގެ ފަހު މަސްތަކުގައެވެ. ރާއްޖެއަށް އެ ވަބާ އައީ 2020 ގެ ކުރީ ކޮޅުގައެވެ.
އެހެންކަމުން އެއްވެސް ގޮންޖެހުމެއް ނެތި ވެރިކަން ކުރަން ލިބުނު ފުރުސަތުގައި އެމްޑީޕީން ކުރީ ކީއްހެއްޔެވެ؟ އެއްވެސް އުސޫލެއް ނެތި ބޮޑެތި އަދަދުތަކުން އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ބަހަން ނިންމީއެވެ. އެމްޑީޕީގެ އިސްވެރިންގެ މަސްލަހަތު އޮތް ކުންފުނިތަކާއި، އެ ބޭފުޅުންނާ އެކި ގޮތްގޮތުން ގުޅިފައިވާ ކުންފުނިތަކަށެވެ. ބިގްއާއި، ދީބާޖާއާއި، ނޫމަޑި ފަދަ ކުންފުނިތަކެވެ.
މިދެންނެވި ކުންފުނިތަކަށް ދޭން ނިންމި ފައިސާގެ އަދަދު ގާތްގަނޑަކަށް ބިލިއަނަކަށްވުރެ ގިނައެވެ. އޭގެ ފަހުން ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން މާލީ ދަތިތައް ދައުލަތުން ތަހައްމަލުކުރަމުންދަނިކޮށް އިތުރު ބައެއް ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ނިންމިއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އެއިރު އުވާލާފައި އޮތް ކުންފުންޏަކަށް 100 މިލިއަނެއްހައި ރުފިޔާ ދިނުމަށް ނިންމިއެވެ.
އުސޫލެއް ނެތި ދައުލަތުގެ ފައިސާއިން ބޮޑެތި ބަދަލުތައް ދޫކުރަމުންދާތީ އެކަމާމެދު އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސަރުކާރުން ބަދަލު ދިނުމާ ގުޅޭ އުސޫލެއް އެކުލަވައިލިއެވެ. އެ އުސޫލަށް އަމަލުކުރަން ފަށައި ސަރުކާރު ބަދަލުވިއިރު ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި އެެސެޓު ބަހާލާފައި އޮތެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ސެޓްލްމެންޓު ކޮމިޓީން އެކި ފަރާތްތަކަށް ދީފައިވާ ބަދަލު އަގުކުރުމުން ހަރުމުދަލާއި ފައިސާގެ ގޮތުގައި އެކި ފަރާތްތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ދީފައިވާކަން މި ސަރުކާރުން ބެލި ބެލުމުން ސާބިތުވިއެވެ. މިއީ ކުރިން ހަވާލާދިން އުސޫލު އެކުލަވައިލުމަށްފަހު ބަހައިލި މުދަލެވެ.
އޭގެ އިތުރަށް ދައުލަަތުން ޓޫރިސްޓު ވިޔަފާރި ހިންގުމަށް ދޫކޮށްފައި ހުރި ރަށްރަށުގެ ކުއްޔާއި، އެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ބޮޑު ބައެއް މައާފުކޮށްދިނުމަށްވެސް ނިންމާފައިވެއެވެ.
އެމްޑީޕީގެ ފަސް އަހަރުގެ ތެރެއިން 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެނުނީ ގިނަ އަދަދެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރަމުންދިޔަ މަންޒަރެވެ. ނަމަވެސް ދައުރު ބަދަލުވިއިރު އެ މަޝްރޫއުތަކުގެ ބޮޑު ބައި ނުނިމެއެވެ. ގިނަ މަޝްރޫއުތަކުގެ މަސައްކަތް ކުޑަ ދުވަސްކޮޅަކު ކުރިއަށްދިއުމަށްފަހު އޮތީ މަޑުޖެހިފައެވެ.
މި މަޝްރޫއުތައް ހަވާލުކުރި ގޮތަށް ބަލާއިރު، އެ ދުވަސްވަރު ލީކުވި ބައެއް ލިޔެކިޔުންތަކުން ސާފުވާ އެއް ހަގީގަތަކީ މަޝްރޫއުތައް ހަވާލުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހަވާލުކުރި ގޮތާ ގުޅުންހުރި ލިޔެކިޔުންތައް އެއިރު ލީކުވިއެވެ. އެ ލިޔެކިޔުންތަކުން ފެންނަން އޮތް ހަގީގަތަކީ ހެޔޮ އަގުގައި އަވަހަށް މަސައްކަތް ނިންމަައިދޭން ހުށަހެޅި ކުންފުނިތައް އެކަހެރިކޮށް ބޮޑު އަގުގައި ދިގު މުއްދަތުން މަޝްރޫއު ނިންމަން ހުށަހެޅި ބައެއް ކުންފުނިތަކާ މަސައްކަތް ހަވާލުކުރި ކަމެވެ.
މިގޮތަށް އަމިއްލަ ބައެއް ކުންފުނިތަކާ މަސައްކަތް ހަވާލުކުރިއިރު، ދައުލަތުގެ ކުންފުނިތައް، ހާއްސަކޮށް އެމްޓީސީސީ ފަދަ ގާބިލު ތަޖުރިބާ ހުރި ކުންފުނިތަކުން އެއަށްވުރެ ރަނގަޅު އަގުގައި އެ މަޝްރޫއުތައް ހިންގުމަށް ބީލަން ހުށަހަޅާފައި ހުއްޓެވެ.
މަޝްރޫއުތައް ތަންފީޒުކުރުމުގެ ގާބިލުކަން ހުރިކަން ނެތްކަން ޔަގީންކުރުމެއް ނެތި މަޝްރޫއުތައް ހަވާލުކުރުމަށްފަހު، ކުންފުނިތަކަށް ސަރުކާރުން ދޫކުރީ އެޑްވާންސް ފައިސާއެވެ. އެ ފައިސާ ދޫކުރުމަށްފަހު އިތުރަށް ފައިސާ ދޫނުުރާތީ މިދެންނެވި މަޝްރޫއުތަކުގެ ބޮޑު ބައެއް ހުރީ ހުއްޓިފައެވެ. އެގޮތަށް އެކަންކުރުމުގެ ސަބަބުން ދައުލަތަށް އުފުލަންޖެހޭ ބުރަ ބޮޑުވެ، މަޝްރޫއުތައް ހިންގުމުގައި ތަރުތީބެއް، އިންތިޒާމެއް ނެތިވުމުގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވި މަސައްކަަތް ދިގުލައިގެންދިޔައީއެވެ. އެ އޮޅުންބޮޅުން ސާފުކޮށް، އިންތިޒާމެއްގެ ތެރެއިން މަޝްރޫއުތައް ހިންގޭނެ ގޮތް ހަމަޖައްސަންޖެހުނީ މި ސަރުކާރަށެވެ.
އެމްޑީޕީގެ ފަސް އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި އެއް ދައުރެއްގައި އެންމެ ގިނަ ފައިސާ ޗާޕުކުރި ފަސް އަހަރެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ 20 އަހަރާއި އޭގެ ފަހުން އައި ވެރިކަމުގެ ދެ އަހަރާއެކު ޗާޕުކުރީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާއެވެ. އެމްޑީޕީން 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އަށް ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސާދަށް ނެރުނެވެ.
ދަރަންޏަށް ބަލާއިރު އެމްޑީޕީގެ ވެރިކަމުގައި 57 ބިލިއަން ރުފިޔާގެ ދަރަނި އަލަށް ދިވެހި ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯއަށް އިތުރުކުރިއެވެ. އަދި ބޭރުން ނެގި ލޯނުތަކަށް ބަލާއިރު 39 ލޯނެއް އެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނަގާފައިވެއެވެ.
ދަރަންޏަށް ފައިސާ ނަގައި ދިވެހި ރުފިޔާ ޗާޕުކުރި ސަބަބެއްކަމަށް އެމްޑީޕީން ބުނާނީ ކޮވިޑް-19ގެ އާލަމީ ވަބާ ކުރިމަތިވުމެވެ. ނަމަވެސް އަނެއްކޮޅުން ފަހުރުވެރިކަމާއެކު އެމްޑީޕީން އަބަދުވެސް ދައްކާ އެއް ވާހަކައަކީ ހަލުއިކޮށް ކޮވިޑުގެ ވަބާއިން އަރައިގަނެ އިގުތިސާދު ކޮޅަށްޖެހި ވާހަކައެވެ. ހިސާބުތަކަށް ބަލާއިރު ބޭރުން ނެގި 39 ލޯނުން 42.1 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އެއިރު ނެގި 39 ލޯނުގެ ތެރެއިން ކޮވިޑާ ގުޅުންހުރި އެކި ކަންކަމަށް ހަރަދުކުރުމަށް ނަގާފައި އޮތީ ދިހަ ލޯނެކެވެ. އެ ދިހަ ލޯނުން ނެގި ފައިސާގެ އަދަދަކީ އެންމެ 2.4 ބިލިއަން ރުފިޔާއެވެ. އެމްޑީޕީގެ ދައުރުގައި ނެގި 42.1 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން ކޮވިޑާ ގުޅިގެން ނެގި ލޯނުގެ ނިސްބަތަކީ އެންމެ 5.8 އިންސައްތައެވެ.
ސުވާލަކީ ބާކީ 39 ބިލިއަނެއްހައި ރުފިޔާއިން ކުރެވުނު ކަމެއް ފުރަ މާލެއާއި، މާލެ ސަރަަހައްދާއި އަތޮޅު ތެރެއިން ފެންނަން އެބައޮތް ހެއްޔެވެ؟ އެ ފައިސާއިން ކުރެވުނު ކަމެއް ފެންނަން ނެތްނަމަަ ދެން އުފެދޭ ސުވާލަކީ އެ ފައިސާއަށް ކުރީ ކީއްތޯއެވެ؟ މި ސުވާލުތަކަށް ޖަވާބެއް މިހާތަނަށް ނުލިބެއެވެ.
ލޫޓުވައިފި ކަމަަށް ބުނެ ސަރުކާރަށް އެކި ތުހުމަތުގެ އިނގިލި ދިއްކުރާއިރު ކައިރި މާޒީގައި އެމްޑީޕީގެ ވެރިކަމުގައި ކަން ކުރި ގޮތް ހަނދާންނެތޭހައި ދުވަހެއް އަދި ނުވެއެވެ. ދިވެހި ދައުލަތުގެ ފައިސާއާއި ހަރު މުދަލަށްވީ ގޮތާއި، އިގުތިސާދު ހިންގި ގޮތާއި، ބަޖެޓު ތަންފީޒުކުރި ގޮތާއި، ޗާޕުކޮށްގެންނާއި ދަރަންޏަށް ހޯދިހައި ފައިސާއަށް ވީ ގޮތެވެ. މިކަންކަމަށް ޖަވާބުދާރީވެވަޑައިނުގެން އެ ވެރިކަން ހިންގެވި ބޭފުޅުން މިގޮތަށް ނިކުމެވަޑައިގަތުމުން ބަލައިގަނެވޭނެކަން ނުވަތަ ނޫންކަން ނިންމަވާނީ ދިވެހި ރައްޔިތުންނެވެ. ލޫޓުވައިލީ ކޮން ބައެއް، ކޯއްޗެއް، ކިހިނެއްކަން، އަދިވެސް ލިޔެކިޔުމުން ފެންނާން އެހުރީއެވެ.