ENGLISH

02 ފެބްރުއަރީ 2026

Advertisement

އިސްލާމްދީން ބިނާކޮށްދެނީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނެއް: ރައީސް

23 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތަކީ، ދިވެހި ހުރިހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ މާތް ދީނުގެ އުޞޫލުތަކުގެ މައްޗަށް އަނބުރައިލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގަ އެވެ.

ރައީސްގެ ޚިތާބުގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދިވެހީންނަށް ދެއްވި ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް ދެ ދުނިޔޭގެ ކާމިޔާބު އެންމެ ހެޔޮގޮތުގައި ހޯދާނޭ ގޮތް އުނގަންނަވައިދެއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރައްވާފައިވެ އެވެ.

ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތަކީ، ދިވެހި ހުރިހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ މާތް ދީނުގެ އުޞޫލުތަކުގެ މައްޗަށް އަނބުރައިލުންކަމީ ޝައްކެއް އޮތްކަމެއް ނޫންކަން ފާހަގަ ކުރައްވާ ރައީސްގެ ޚިތާބުގައި ވިދާޅުވީ މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ ޢިބްރަތްތައް ގިނަގުނަ ކަމަށެވެ.

އަދި އެ ދުވަހުއްސުރެ، ނުވަ ޤަރުނު ފާއިތުވާން ދަނީ، ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދޭނެ ކަމަށާ އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމާއެކު ކަމަށެވެ.

"... ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޙިކްމަތްތެރި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އިސްލާމްދީނުގެ ޝިޢާރުތައް މި ދީބުގައި ނެގެހެއްޓެވި ރަސްރަސްކަލުންނާއި، ވެރީންނާއި، ޢާލިމުންނާއި، އެދުރުންނާއި، ހެޔޮކަންކަމަށް މަގުދެއްކެވުމުގައި ހިންމަތްކުރެއްވި ކޮންމެ މުރައްބީއެއްގެ ޛިކުރާ އައުކޮށް، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެއިން ކޮންމެ އަޚަކާއި އުޚްތަކުމެ ލަހައްޓަވައި، ދަރުމަ އިތުރުކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަމެވެ," ރައީސް ވިދާޅުވި އެވެ.

އިސްލާމްދީން ބިނާކޮށްދެނީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކީރިތި ރަސޫލާ صلى الله عليه وسلم ނަބަވީ ރިސާލަތު ފެތުރުއްވެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ، އިސްލާމީ ޢަޤީދާއާއި، ރިވެތި އުޅުމާއި، މުޢާމަލާތު ދަސްކޮށްދެއްވުމުގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުން ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ތަޢުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމާއި އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުން ކަމުގައި ވިދާޅުވި އެވެ.

"މި ވޭތުވި ނުވަ ޤަރުނުގެ ތެރޭ، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިޚުން އެއްބަސްވާ އެއް ޙަޤީޤަތަކީ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަމެވެ. ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަޚުލާޤުގެ މި ދެންނެވި ރީތި ސިފަތަކާވެސް އެކު," ރައީސްގެ ޚިތާބުގައި ވިދާޅުވި އެވެ.

ރައީސް ވަނީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފަ އެވެ.

އަޅުގަނޑުމެންނާ މިއަންނަ އަހަރު ބައްދަލުކުރާނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސްކަމާމެދަކު ޝައްކެއްނެތް ކަމަށެވެ.

"މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާ ވާހަކަ މި ފުރުސަތުގައި ވަރަށް އުފަލާއެކު ދަންނަވަމެވެ," ރައީސްގެ ޚިތާބުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު