ENGLISH

01 ނޮވެމްބަރު 2025

Advertisement

މަޑިފުށީގައި 50 ހައުސިން ޔުނިޓްގެ ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ހިންގަނީ

23 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޑިފުށީގައި ވާހަކަފުޅު ދައްކަވަނީ --

އަންނަ އަހަރު، މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކޮޅުމަޑުލު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވުމުން، ވަކި ސަރަޙައްދެއްގައި ހިންގާ މަޝްރޫޢެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށް، އެ މަޝްރޫޢު ހިންގަވައިދެއްވާނޭ ކަމަށެވެ.

މިދަތުރުފުޅުގައި ހިމެނިގެން މިއަދު އެ ރަށުގައި ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފަ އެވެ. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ.

މި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއިން ކޮންމެ މަސައްކަތެއްވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނޭ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވަނީ، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ހަވާލުކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، މި ދެ ރަށް، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި ހިމަނުއްވައި، އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މިމަހުގެ 18 ވަނަ ދުވަހު، އެ ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ އުފާފާގަތިކަމާއި، ހެވާއި ލާބައާއި، މުސްތަޤުބަލަށްޓަކައި މި ދެ ރަށުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު